މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް ކ. ކުޑަގިރިގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 41.48 މިލިޔަން ރުފިޔާއަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.
ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 428.32 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.
ކުޑަގިރި ފަޅަކީ މާލެއާއި 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ. އެ ސަރަޙައްދު އޮންނަނީ ތިލަފުށި ބިއްދަށުންނެވެ. ޕިކްނިކް އައިލެންޑް ހެދުމަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓްގައި ކުޑަގިރި ފަޅުން ދެ ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދަތުރުދިއުމަށް 8 ހެކްޓަރުގެ ރަށަކާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ރަށެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ރަށް ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކަށް ވެލި ނަގަމުން އަންނަ، މާލެ އަތޮޅު އެތެރެވަރިންކަމަށެވެ. ކުޑަގިރި ފަޅު ހިއްކުމަށް 250000 ކޮޑިމީޓަރުގެ ވެލި ބޭނުންވެއެވެ.
ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދު ކޮޓަރި ހިމެނެއެވެ.
ޕިކްނިކް އައިލެންޑް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދު، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދު، ބާބަކިއު ސަރަޙައްދު ހިމެނެއެވެ.
މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ.
މި ސަރަޙައްދުގައި ޢާއްމުން ދަތުރު ދިއުމަށް ޤުދުރަތީ އިތުރު އެއްވެސް ރަށެއް ނެތެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ދަތުރު ދިއުމަށް މާލެ ކައިރިން ރަށެށް ކަނޑައަޅައިދިނުމަށް ވަޢުދުވެވަޑައިގެންފައެވެ.