ޚަބަރު

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 117 ބޭފުޅަކަށް އަރުވައިފި


ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 117 ބޭފުޅަކަށް އަރުވައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި، އައްޑަނަ އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތަޢާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް 117 ބޭފުޅަކަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު އަރުވާފައެވެ. މީގެ ތެރޭގައި 32 އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރެވި 30 ބޭފުޅަކުވެސް މީގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި 4 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން

  • ގ. އޮނުހިރި އިބްރާހީމް ޒަކީ (ދައުލަތަށް ޚިދުމަތްކުރާތާ 56 އަހަރު)
  • ހ. އާދުނި ކާނަލް (ރިޓަޔަރޑް) ރަން ވިއްކާ އާދަމް މަނިކު (ދިވެހި އަސްކަރިއްޔާގައި 52 އަހަރު)
  • މ. ގިނަވެލި ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ދިވެހި އަސްކަރިއްޔާގައި 51 އަހަރު)
  • މ. ކުންނުމަލާ އަލްފާޝިލާ ފާއިޒާ ޢަބްދުލްގާދިރު (ދައުލަތަށް ޚިދުމަތްކުރާތާ 51 އަހަރު، އޭގެ ތެރެއިން 49 އަހަރު ހޭދަކުރީ ޝަރުޢީ ދާއިރާގައި)

މި 4 ބޭފުޅުންގެ އިތުރުން، ކުރީގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރައީސްކަމުގެ ދައުރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ 9 ބޭފުޅަކަށްވެސް ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ވަނީ އަރުވާފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބު ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާކަމާއި، ނަރުސް ކަމާއި، މުދިން ކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓްކަން އަދި މި ނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން އިނާމު ހާސިލުކުރެއްވިއެވެ. މީގެ އިތުރުން، އެމް.އެން.ޑީއެފް.އާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ގިނަ އަދަދެއްގެ ބޭފުޅުންނަށްވެސް މި އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ޝަރަފުގެ ބެޖަކީ ދައުލަތުގެ 3 ބާރު ރަމްޒުކޮށްދޭގޮތަށް ފަރުމާކުރެވިފައިވާ ބެޖެކެވެ. އައްޑަނައަކީ ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނީ ހުނަރު ފެނިގެންދާ ރާއްޖޭގައި ހުރި ހިރިގަލުގެ ކުރެހުންތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އައްޑަނައެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ. މި އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

އެހެންނަމަވެސް، މިއީ މި އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި މިފަހަރު އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ވަނީ ނިންމަވާފައެވެ.