ވިޔަފާރި

އޮކްޓޯބަރުމަހު މީރާއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަން ރުފިޔާ


މިދިޔަމަހު 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %155.7 އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %39.2 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރާއި އަޅާބަލާއިރު، މިއަހަރުގެ އޮކްޓޯބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނައަށްވަނީ އިތުރުވެފައެވެ. މީގެ ސަބަބަކީ ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ އެ މަހުގެ ތެރޭގައި ލިބިފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޮކްޓޫބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %58.4 ނުވަތަ 584.86 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %11.8 ނުވަތަ 117.96 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (%5.7)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (%5.0) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 125.98 މިލިއަން ރުފިޔާ (%12.6) ލިބިފައިވެއެވެ.

އޮކްޓޫބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.