ޚަބަރު

މަޖިލީހުގެ ބަޖެޓަށް 7 މިލިއަން އިތުރުކުރަން ހުށައެޅުމަށް ފާސްކޮށްފި


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރުމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަކަށް ކަނޑައަޅާފައިވަނީ 191 މިލިއަން ރުފިޔާއެވެ. ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމިޓީއަށް ހުށައަޅަންޖެހޭ ކަންކަން ރިޕޯޓެއްގެ ގޮތުގައި އެކުލަވާލާފައެވެ. ކޮމިޓީގެ ނާއިބު މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވީ، ބަޖެޓުގައި ހިމަނަން މަޖިލީހުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ޢަދަދު އެޕްރޫވްކޮށްދީފައިވާކަމަށެވެ. ނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ އަދި ހަމަޖެހިފައި ނުވާކަމަށް ނާއިބު މުޤައްރިރު ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުން ވަނީ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ހުށަހެޅީ މުހިންމު ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން 7 މިލިއަން ހޭދަކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި އެކިއެކި އިވެންޓުތައް ބްރޯޑްކާސްޓުކޮށް ފްރޭމް ކުރެވޭނެގޮތް ހެދުން ހިމެނެއެވެ.

އަދި ކޮމިޓީ ރޫމްތަކާއި އިދާރާތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަކުރުންވެސް ހިމެނެއެވެ. މިއީ މިވަގުތަށް މުހިންމު ކަންތައްތަކެއްގެ ގޮތުގުގައ ފާހަގަކޮށް ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހެޅި ހުށައެޅުން ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.