ވިޔަފާރި

ރިސޯޓުތަކުގެ 95 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި


ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %95 މުވައްޒަފުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %95 މުވައްޒަފުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި %99 މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ އަދަދު މީގެ ކުރިން ހުރީ %93ގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެގާތުން މަސައްކަތްކުރާ މީހުންނަށް ވާތީ ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ 3 ދުވަސްތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41431 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ.

ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔަ އޭޕްރިލްމަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް"އެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.