ޚަބަރު

އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅުނު ނަމަވެސް ބޭހުގެ ކޮލިޓީއަށް ބަދަލެއް ނާންނާނެ


އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅުމުގެ ކުރިން ސަރުކާރުން ހެދި އެކި ދިރާސާތަކުން ދައްކާ ގޮޮތުގައި އެއްބޭހެއް އެކި ފާމަސީތަކުން އެކި އަގަށް ވިއްކަން ހުރެއެވެ. އެގޮތުން 3.25 ރުފިޔާއަށް ލިބޭ ބޭސް 6 ރުފިޔާއާ ހަމައަށް ވެސް ބައެއް ފާމަސީތަކުން ވިއްކަމުންދެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ބޭސް ފިހާރަތަކުގައި ތިބޭ ބިދޭސީން އެމީހުންނަށް ފައިދާ ލުމަށްފަހު ބޭސް ވިއްކާ ކަމުގެ ޝަކުވާ ވެސް ލިބެމުން އަންނަކަމަށެވެ. ނަމަވެސް އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅިގެން ދިޔުމުން މިފަދަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށާއި އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅި ނަމަވެސް ބޭހުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އަންނަ އަހަރުން ފެށިގެން ރާއްޖެ ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާއިރު ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ އެންމެ ގިނަވެގެން އަގުގެ ސަތޭކަ އިންސައްތައާ ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި ފުރަތަމަ ފިޔަވަހީގައި ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ އަހަރުން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފަށާނެއެވެ.

ދެވަނަ ފިޔަވަހީގައި މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން ހެލްތު މިނިސްޓްރީން ވަނީ ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި ޢާއްމުން ސަރުކާރުން ބޭސްވިއްކުމަށް ގެންނަ ބަދަލަށް ތައްޔާރުވުމަށް އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒްއާއެކު މިއަހަރުގެ ނިޔަލަށް އެ މިނިސްޓްރީން ޢާއްމު ކުރާނެކަން ހާމަކުރައްވާފައެވެ. އަދި ބޭހަށް ކުރާ ބޭކާރު ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ލިއުން ހުއްޓާލަން ނިންމާފައެވެ. އެއަށް ފަހު ބޭސް ސިޓީގައި ލިޔާނީ ބޭހުގެ ޖެނެރިކް ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެއެވެ.

އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅުމުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ ބޭހުގެ ކޮލިޓީއާ މެދުއެވެ. މިގޮތަށް ބޭސް ވިއްކާ އަގު ކަނޑައެޅި ނަމަވެސް ބޭހުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި ކޮލިޓީ ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި އޮތޯރިޓީންނާއި ހެލްތު މިނިސްޓްރީން މާކެޓުގައި ލިބެން ހުންނަ ބޭސްތައް ގަތުމަށްފަހު ބޭހުގެ ކޮލިޓީ ޓެސްޓް ކުރުމުގެ މަރުހަލާ އަބަދުވެސް ކުރިއަށް ގެންދާ އުޞޫލުން ބޭސް ވިއްކާ އަގު ކަނޑައެޅުމުންވެސް މިމަސައްކަތް ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ޓެސްޓްތައް ހަދަމުން އަންނަނީ ރާއްޖޭގައި ހުންނަ މިކަމަށް ޚާއްސަ ލެބޯރެޓަރީންނެވެ. އަދި ރާއްޖެއިން ޓެސްޓް ކުރެވެން ނެތް ބޭސްތައް ޓެސްޓްކުރަނީ ސިންގަޕޫރަށް ފޮނުވައިގެންނެވެ.

އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައަޅާފައި ވަނިކޮށް އެއާ ޚިލާފަށް ބޭސް ވިއްކާނަމަ 100،000 ރުފިޔާ އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް މިހާރު ވަނީ ޤަވާއިދެއް އެކުލަވާލާފައެވެ.

ބޭސް ވިއްކޭ އެންމެ މަތީ އަގު ކަނޑައެޅުމުން އަގުބޮޑުކޮށް ބޭސްގަތުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ ޚޭދަ ކުޑަވެގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތްތަނުގައި ސިއްޚީ ދާއިރާއަށް އަންނާނެ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.