ކުލަގަދަ ހަރަކާތްތަކަކާއެކު "ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް" ފަށައިފިއެވެ.
މި ފެސްޓިވަލްގެ ކަންޓްރީ އޮފް ފޯކަސްގެގޮތުގައި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖެއެވެ.
އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ "ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ގޮތުން މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާޓްސް، އެމް.އެސް.ޕީ.އޭއިން ބައިވެރިވެފައިވާއިރު، އެމް.އެސް.ޕީ.އޭގެ ޓީމާއެކު މިފަހަރުގެ ފެސްޓިވަލުގައި ރާއްޖޭގެ ފަރާތުން އެޅުވުމަށް ހަމަޖެހިފައިވާ ދެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.
ކަރްނާޓަކާގެ ދަރުވާޑުގެ ހޮޓެލް ޓްރެވަލް އިންގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފެސްޓިވަލް ރަސްމީކޮށް ހުޅުވައިދެއްވީ ކަރްނާޓަކާގެ އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމަށާއި މަޝްހޫރުކަމެއް ހޯދާފައިވާ އަދި ކަރްނާޓަކާ ފިލްމް އިންޑަސްޓްރީގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއްކުރާ ފަރާތެއްކަމަށްވާ ޑރ. ޝްރީ ޝޫކުމާރު މަހާސުވާމީޖީއެވެ. ފެސްޓިވަލް ހުޅުވުމަށް ބޭއްވި ޙަފްލާގައި ކަންޓްރީ އޮފް ފޯކަސްގެ ހައިސިއްޔަތުން ޚާއްސަ މެހެމާނެއްގެ ގޮތުގައި އެމް.އެސް.ޕީ.އޭގެ ޖެއަރމަން މުޙައްމަދު ރަޝީދުވެސް ވަނީ ބައިވެރިވެފައެވެ.
މި ފެސްޓިވަލްގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ، މިއީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް އަނެއްކާވެސް ލިބިގެންދާ ތަފާތު ތަޖުރިބާއެއްކަމަށެވެ. އަދި މި ފެސްޓިވަލްގެ ޒަރިއްޔާއިން ކަރްނާޓަކާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިގެންދާނެކަމަށް އުއްމީދު ކުރާކަމަށް ރަޝީދު ވިދާޅުވިއެވެ.
"ކަރްނާޓަކާގެ ފިލްމް އިންޑަސްޓްރީގެ މީހުންގެ އިތުރުން ބޮމްބޭއިން އައިސްތިބި ބައެއް ޕްރޮޑިއުސަރުންނާވެސް ބައްދަލުވެ، ޚިޔާލާ އެއްޗެހި ފާޅުކޮށް، ކުރިއަށްއޮތްތާނގައިވެސް ރާއްޖެއާއި އިންޑިއާގެ އެކިއެކި ސަރަޙައްދުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ވާހަކަތައްވެސް ދެކެވުނު" ރަޝީދު ވިދާޅުވިއެވެ.
ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ހުޅުވުމަށް ބޭއްވި ހަފުލާގައި ރާއްޖެއާއި އިންޑިއާގެ ބައެއް ސަޤާފީ އަދި މުނިފޫހިފިލުވުމުގެ ބައެއް ހުށަހެޅުންތަކެއްވެސް ފެނިގެންދިޔައެވެ.
މި ފެސްޓިވަލްގައި ކަރްނާޓަކާގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފިލްމް ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުންނާއި، ސްކްރިޕްޓް ރައިޓަރުންގެ އިތުރުން، އެޑިޓިންގއާއި ސިނެމެޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ހިމެނެއެވެ.
މިފަހަރުގެ ފެސްޓިވަލުގައި ދިވެހި 2 ފިލްމެއްވެސް ހިމެނޭހެން 25 އަށްވުރެ ގިނަ ފިލްމް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓެމިލް، ޓެގުލޫ، ކަންނާޑާ، ހިންދީ، އަދި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމްތައްވެސް ހިމެނެއެވެ.
3 ދުވަހަށް ކުރިއަށްގެންދާ މި ފިލްމް ފެސްޓިވަލްގެ ފުރަތަމަ ދުވަސް ފެސްޓިވަލް ހުޅުވުމާއި، ދާއިރާގައި މަސައްކަތްކުރާ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވުމަށް ޚާއްސަކުރެވިގެންދިޔައިރު، ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ ފިލްމްތައް ދެއްކުން ކުރިއަށްއޮތް 2 ދުވަހު އޮންނާނެއެވެ.
ރާއްޖޭގެ ފަރާތުން މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ޢަބްދުލް ފައްތާޙް ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ހައްދު" އަދި އިލިޔާސް ވަޙީދު ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ބަވަތި"އެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ އެޅުވުމަށް ހަމަޖެހިފައިވާނީ "ބަވަތި"އެވެ.
ފިލްމްތައް ދެއްކުމުގެ އިތުރުން، ފެޝަން ޝޯވއަކާއި، ކަލްޗަރަލް ޝޯވއެއްވެސް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްގެންދާނެއެވެ.