ޚަބަރު

ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް އަންނަ އަހަރު އުސްކުރަނީ


ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް އުސްކުުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމައިފިއެވެ.

ސްޓެލްކޯ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނުގޭގެ ދުން ހޮޅިތަކުން އަރާ ދުމާއި ވަހުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވުމަކީ އަލަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިންވެސް މިމައްސަލަ ދިމާވެފައިވާކަމަށާ، މިހާތަނަށް މިކަން ހައްލުކުރަން މަސައްކަތް ނުކޮށް އޮތްނަމަވެސް މިހާރު މައްސަލައަށް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަމަށެވެ.

އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށައި އެއަހަރުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

"ޕްލޭން ނުކުރެވި އޮތުމުގެ ސަބަބަމުން މި މައްސަލަ މި ދިމާވަނީ. މިހާތަނަށް ޙައްލެއް ލިބިފައި ނެތްނަމަވެސް ޙައްލު ގެނައުމަށް މަސައްކަތްތައް ކުރިއަށްދޭ. އިންޖީނުގެއެއް ވީމާ ކޮންމެސްވަރަކަށް އަޑުވެސް ހުންނާނެ. ނަމަވެސް މިހާރު ވާ ދަތިިތައް ކުޑަކުރުމަށް މިދަނީ މަސައްކަތް ކުރަމުން." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ، ދުމާއި ވަހުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާ ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހަޅައި މިމައްސަލައިގެ ރިޕޯޓް އޮކްޓޫބަރު މަހު ފާސްކުރިއެވެ. މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީއަކުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓްގައި 7 ކަމެއް ކުރަން ސްޓެލްކޯއަށް އަންގަން ހުށަހަޅާފައިވެއެވެ.

މިގޮތުން ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން ހިމެނެއެވެ. އަދި އެސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަންވެސް ވަނީ އެދިފައެވެ.

ސްޓެލްކޯގެ އިންޖީނުގެތައް ހިންގަނީ ޤަވާޢިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުމާއި ވައިގެ ކޮލިޓީއާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މުވައްޒަފުން ތަމްރީނު ކުރުމަށްވެސް އެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރަށް ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ފަދަ ކަންކަން އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.