ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޤައުމީ ސިޔާސަތު މުރާޖަޢާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން މިއަދު ބޭއްވި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހް ޢަބްދުﷲ މާހިރެވެ.
މިބައްދަލުވުން ބޭއްވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާ ގުޅިގެން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ބަދަލުތަކަށް އަހުލުވެރިވުމާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. މިބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ބޭފުޅަކު ބައިވެރިވިއެވެ.
ކާބޯތަކެތީގެ ސިޔާސަތެއް އެންމެ ފަހުން އިފްތިތާހު ކުރީ 2016ވަނަ އަހަރުއެވެ. އޭރު އެ ސިޔާސަތު އެކުލަވާލީ 2017އިން 2026ވަނަ އަހަރަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤައުމީ ސިޔާސަތު މުރާޖާކުރުމުގެ މަސައްކަތު ބައްދަލުވުން @MFDA_mv pic.twitter.com/mGRd1nf4zp
— Ministry of Health (@MoHmv) November 28, 2021
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ޤައުމީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާ ކޮށްފައި ވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކާބޯތަކެތި އުފައްދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ކާބޯތަކެތީގެ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި އެކަމާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލިއެވެ. މިހާތަނަށް އައިރުވެސް މިކަމާގުޅޭ ޚާއްސަ ޤާނޫނެއް ހެދިފައެއް ނެތެވެ.