ޞިއްޙީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ޤައުމުތައް ތައްޔާރުވުމުގެ ބޭނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބާއްވާ ވަރލްޑް ހެލްތު އެސެމްބްލީގެ ސްޕެޝަލް ސެޝަން މިއަދު ފަށައިފިއެވެ.
މިއީ މިގޮތަށް ބާއްވާ ސްޕެޝަލް ސެޝަންގެ ދެވަނަ ބައްދަލުވުމެވެ. މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ޤައުމުތައް ތައްޔާރުވުމަށާއި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކުގެ މައްޗަށް މުޢާޙަދާއެއް ފަދަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް އެކުލަވާލުމެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކުގެ އިސްވެރިންނާއި، ޞިއްޙީ މާހިރުންނާއި އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުމުގައި މިނިސްޓަރ ނަސީމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާ އާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 74 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކޮށް އެކުލަވާލި "ވަރކިންގ ގްރޫޕް އޮން ސްޓްރެންތްނިންގ ޑަބްލިއު.އެޗް.އޯ ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް ޓު ހެލްތު އެމަރޖެންސީ" ގްރޫޕް ބައްދަލުވުންތަކުން ތައްޔާރުކުރި ރިޕޯޓަށް ބިނާކޮށް، ޤައުމުތަކުގެ މެދުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ތައްޔާރުވެ، ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ މުއާހަދާއެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް ޤާއިމު ކުރުމާމެދު ޤައުމުތަކުން މަޝްވަރާކޮށް ކުރިއަށްދާނެ ގޮތްތަކެއް ނިންމާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ނިންމުންތަކަށް ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް 2022 ވަނަ އަހަރު ބާއްވާ އެކްޒެކެޓިވް ބޯޑް އަދި ވަރލްޑް ހެލްތު އެސެމްބްލީއަށް ހުށަހަޅާނެއެވެ.