ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު 20 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ. މިއީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ގެނައި އެމްބިއުލާންސްގެ 2 ވަނަ ޝިޕްމަންޓްއެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. މިއެމްބިއުލާންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފައެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް މިއަދު މާލެ ގެނެސްފައިވާއިރު ބާކީ ހުރި އެމްބިއުލާންސްތައްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ފުރަތަމަ އެމްބިއުލާންސްތައް ފޮނުވާފައިވަނީ އެންމެ ބޮޑަށް އޭގެ ބޭނުން ޖެހިފައިވާ ރަށްތަކުގެ ތެރެއިން ފާހަގަކުރި ރަށްތަކަށެވެ.
އެސްޓީއޯއިން މި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއަށް ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނައިރު މިނިސްޓްރީން މިހާރު އަންނަނީ އެމްބިއުލާންސް ފޮނުވާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތާއި، އަދި ރަށްރަށަށް ފޮނުވުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
We have received the second batch of Ambulances to Male’ under MOU signed between STO and @MoHmv
— STO (@stoplc) November 29, 2021
We aim to dispatch this additional 20 ambulances to the regional islands as promised. ? pic.twitter.com/qlDL9cSJce
އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތަކަށް ވެފައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ. އަދި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުންވެސް، އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.