ތަރައްްޤީ

ވެހިކަލް ޕާކްކުރަން ކާނިވާ ސަރަޙައްދުން އިތުރު 600 ސްލޮޓް ދޫކުރަނީ


ކާނިވާ ސަރަހައްދުގައި އަލަށް ހެދި ޕާކިން ޒޯނުން ވެހިކަލް ޕާކްކުރުމަށް 600 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ދުއްވާ އެއްގަމު އުޅަނދުތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ އުޅަނދުތައް ޕާކުކުރާނެ ޖާގަ ނެތުމެވެ. މާލޭގެ މަގުތަކުގައި ޕާކު ކުރުމަށް ކުރަހާފައިވާ ސަރަޙައްދުތަކުގެ އިތުރުން، ހުސްކޮށް ހުރި ބިންތައް ޕާކިން ޒޯންތަކަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރުވެސް މިފަދަ ގިނަ ބިންތަކެއް ޕާކިންއަށް ޚާއްސަކޮށް، ވަނީ ހުޅުވާފައެވެ.

މާލޭގެ ކާނިވާ ސަރަޙައްދުގަވެސް އިތުރު ޕާކިން ޖާގަ ހެދުމުގެ މަސައްކަތް ސިޓީ ކަންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަޙައްދުގެ ބިންގަނޑު އެއްވަރުކޮށް، ގައު އެތުރުމުގެ މަސައްކަތް ނިންމާ، ޕާކިން ޒޯނުގައި ކުރަހަންޖެހޭ ނިޝާންތައް ވަނީ ކުރަހާ ނިންމާފައެވެ. މިއީ އެއް ސަރަޙައްދުގައި އެންމެ ގިނަ އުޅަނދު ޕާކު ކުރެވޭގޮތަށް ޚާއްސަކޮށްގެން މާލޭގައި ތަރައްޤީކުރާ ޕާކިން ޒޯނެކެވެ.

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާނިވާ ސަރަހައްދުގައި އަލަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނުގައި 600 އުޅަނދު ޕާކުކުރެވޭނެކަމަށެވެ. މި 600 ޕާކިން ސްލޮޓުގެ ތެރެއިން 500 ސްލޮޓް ޚާއްސަކޮށްފައިވަނީ ސައިކަލު ޕާކުކުރުމަށެވެ. ބާކީ 100 ސްލޮޓް ޚާއްސަކޮށްފައިވަނީ 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށެވެ.

މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ، 4 ފުރޮޅުލީ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ 100 ސްލޮޓުގެ ތެރެއިން 50 ސްލޮޓެއް ޓެކްސީތައް ޕާކުކުރުމަށް ދޫކުރަން ނިންމާފައިވާކަމަށެވެ.

"ޓެކްސީތަކަކީ ވަރަށް ގިނަ ބަޔަކު ޚިދުމަތްހޯދާ އެއްޗެއް. އަދި ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑަށް ދިމާވާ ދަތިކަމެއް ޕާކު ކުރާނެ ސްލޮޓްތަކެއް ނުލިބުން. އެހެންވީމާ ކާނިވާ ސަރަހައްދުގައި މި އުފެދުނު 100 ސްލޮޓުގެ ތެރެއިން 50 ސްލޮޓް އަޅުގަނޑުމެން ޚާއްސަ ކުރާނީ ޓެކްސީތަކަށް. މި ސްލޮޓްތަކަކީ މަހަކު 1500 ރުފިޔާއަށް ކުއްޔަށް ދޭން ނިންމާފައިވާ ސްލޮޓްތަކެއް" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކާނިވާ ސްޓޭޖް ކައިރިން އާއްމުން އެއްވުމަށް ވަކިކޮށްފައިވާ ސަރަޙައްދުންވެސް ވެހިކަލް ޕާކްކުރަން ސްލޮޓް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ސަރަޙައްދުން ސްލޮޓް ދޫކުރާނީ އިވެންޓްތައް ބޭއްވުމަށް އެތަން ހުސްކުރާގޮތަށް ޝަރުތުކުރުމަށްފަހުކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ ޕާކިން މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ދަށުން 20 ފޫޓަށްވުރެ ފުޅާ މަގުތަކުގައި ސައިކަލް ޒޯން ކެންސަލްނުކޮށް، ޖާގަ އިތުރުކުރެވެން ހުރި ދިމާތަކުން ޓްރެފިކަށް ދަތިނުވާގޮތަށް ބަލައިގެން 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ސްލޮޓްތައް އިތުރުކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިގޮތަށް ކަނޑައަޅާ ސްލޮޓްތަކަކީ ގަރާޖް ސްޕޭސްގެގޮތުގައި ވެހިކަލް ރަޖިސްޓްރީކުރުމަށްވެސް ގަނެވޭނެ ސްލޮޓްތަކެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.