ވިޔަފާރި

ޖަރުމަނު ވިލާތުގައި ރާއްޖެ އިސްތިހާރުކުރަން ޚާއްސަ ކެމްޕެއިނެއް


ޖަރުމަނު ވިލާތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ޚާއްސަ ޙަރަކާތެއް ޓީޔޫއައި އާއެކު އެމްއެމްޕީއާރުސީން ފަަށައިފިއެވެ. މި ޙަރަކާތް އަންނަ އޭޕްރީލްމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޓީޔޫއައި ގުރޫޕަކީ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ މަލްޓިނެޝަނަލް ކުންފުންޏެކެވެ. މިއީ ފަތުރުވެރިކަމުގެ ޚިދުމަތްތަށްދޭ ފަރާތްތަކާއި މި ޚިދުމަތް ލިބިގަންނަ ފަރާތްތަށް ގުޅުވައިދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ މިކުންފުނީގެ އަމިއްލަ ޓްރެވަލް އެޖެންސީތަކާއި ހޮޓާތަކާއި ކްރޫސް ޝިޕްތަކުގެ އިތުރުން ރީޓެއިލް ފިހާރަތައްވެސް ހުރެއެވެ.

މި ކުންފުނިން ޔޫރަޕްގެ 5 އެއަރލައިނަކާއި ޓުއަރ އޮޕަރޭޓަރުން ހިންގައެވެ. މި ކުންފުންޏަކީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ޚިދުމަތް ހޯދާ ޔޫރަޕްގެ ބައެއް ފަރާތްތައް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެކެވެ.

އެމްއެމްޕީއާރުސީއާއި ޓީޔޫއައިއާ ގުޅިގެން ހިންގާ ކެމްޕެއިންގެ ތެރެއިން ޖަރުމަނު ވިލާތުގައި ރާއްޖޭގެ އިސްތިހާރާއި މަޢުލޫމާތު އާޓިކަލް، ޕްރެސް ރިލީޒް، ފޮޓޯ، ވީޑިއޯތައް ސޯޝަލް މީޑިއާ، އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ހޯދާ ފަރާތްތަކާ ހަމައަށް ފޯރުކޯށްދޭނެއެވެ.

ރާއްޖެއަކީ ޖަރުމަންވިލާތުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މި ކެމްޕެއިންގެ ޒަރިއްޔާރިން އިސްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ، މިއީ ޖަރުމަންވިލާތުގައި ރާއްޖެ އިސްތިހާރުކުރުމަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަޤްސަދަކީ މި މާކެޓުގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަމާއި، ބްރޭންޑް ޕްރެޒެންސް ދެމެހެއްޓުމެވެ. އަދި ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއި ތަޖުރިބާތައް އަންގައިދީ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސތުތައް އިސްތިހާރުކުރުމެވެ.

ޖަރުމަންވިލާތަކަކީ ރާއްޖެއަށް މިހާރު 3ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 81484 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ %7.2 ފަތުރުވެރިންނެވެ.