ސިޔާސީ

އަދުލު އިންސާފުން ކަންކަން ބަލާނަމަ ގަޔަކު އަތެއް ނުލެވޭނެ: ރައީސް ޔާމީން


ދައުލަތުގެ ފައިސާގައި ޖެހިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތެއް ހިންގައިފިނަމަ ކުށްވެރިވާނެ ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީ.ޕީ.އެމް އޮފީހުގައި "ޝުކުރިއްޔާ ލޮބުވެތި ރައްޔިތުން" މި ނަމުގައި ބޭއްވި ޚާއްސަ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ، ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަން ކުރުމާއެކު އަމިއްލަފުޅު ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވާ، އަދުލުގެ ނިޒާމާމެދު އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުނދަގޫކުރާ އެންމެ އަސަރުކުރުވާ އެއްކަމަކީ ޢަދުލުގެ ދާއިރާ ޢަދުލުވެރިކަމާއެކެީ ބޭއްވޭނީ ކިހާ ހިސާބަކުތޯކަމާމެދު އުފެދޭ ސުވާލުކަމަށެވެ. އަދި ޤައުމުގެ ކަންކަން އިސްލާހުކުރުމުގައި އިސްލާމީ ޝަޙްސިއްޔަތު މި ޤައުމުގައި ދައްކާކަމަށްވާނަމަ، ކަންކަން ނިންމަންތިބޭ މީހުންނަށް ކިހާވަރެއްގެ އަދުލުވެރިކަމަކާއި އިންސާފުވެރިކަމަކާއެކީ ކަންކަން ނިންމޭނެތޯ މިއީ ރައްޔިތުން މިއަދު އުފަައްދާ ސުވާލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާމެދު އަދުލުވެރިކަމާއި އިންސާފާއެކީ ޝަރިއްއަތެއްކޮށްފިނަމަ، ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާކަމަށްބުނެ އެއްވެސްކަމެއް ސާބިތު ނުކޮށްދެވޭނެކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއަށް ވައްކަންކޮށްގެނެއް ދައުލަތުގެ ފައިސާގައި ޖެހިގެނެއް ހައްޤު ޝަރީއަތެއްކޮށްފި ކަމަށްވަންޏާ ޢަދުލުވެރިކަމާއެކީ ކަމެއް ބަލައިފިކަމަށްވަންޏާ ހަމަ މީގެ އަހަރުތަކެއް ކުރިން ހަމަ މި ޕޯޑިއަމުގައި ދެންނެވިގޮތަށް އަޅުގަނޑު ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެއޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އަދިވެސް އެންމެ ގިނަ ބައެއްގެ ކަން ބޮޑުވުން އޮތީ ޝަރުޢީ ދާއިރާއާމެދުކަމަށާއި، ޝަރުޢީ ދާއިރާގައި ހުރި ކަންކަން އިސްލާޙުކޮށްގެން މެނުއީ ޤައުމަށް ކުރިއެރުމެއްނެތްކަމަށެވެ. އަދި މި ވާހަކަތައް ދައްކައިގެން ދެންވެސް ޖަލަށްދާންޖެހުނަސް ފަރުވާލެއްނެތްކަމަށް ވިދާޅުވެ، ރާއްޖޭގައި އަދިވެސް އެންމެ ކޮށީ އަދުލުގެ ނިޒާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު ސުވާލުކުރަންޖެހޭނެ ހަމަ ދިވެހިރާއްޖޭގައި އަދިވެސް އެންމެ ކޮށީ ކޮންކަމެއްތޯއޭ، ހަމަ އަދުލުގެ ނިޒާމު އެންމެ ކޮށީ. ކެރިގެން ވާހަކަދައްކަންވީ. މިކަމުގައި ވާހަކަދައްކައިގެން ޖަލަށް ގެންދަންޏާ އަނެއްކާވެސް ގެންދޭ. އެކަމަކު އަޅުގަނޑުމެންނަކަށެއް ހަމަޖެހުމެއް، އަޅުގަނޑުމެންނަކަށް ހަމަޖެހިގެނެއް ކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ އަދުލުގެ ނިޒާމަކީ ހުރިހާ ފަރާތަކުން ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައި އޮތް އަދުލުގެ ނިޒާމެއްކަމަށް ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނިއްޔަކާ ދިވެހިރާއްޖޭގައި ދިރުމެއްނެތް. ދިވެހިރާއްޖެއަށް ކުރިއެރުމެއްނެތް" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދުލުގެ ނިޒާމާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ މައްސަލަތައް ބެއްލެވި ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ އޯޑިއޯ ލީކުވި މައްސަލައިގައި މިއަދާ ހަމައަށްވެސް އެކަމުގެ ހަޤީޤަތް ސާފުކޮށްދެވިފައިނުވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އަދި 3 ފަނޑިޔާރުންގެ އޯޑިއޯއާ ދޭތެރޭގައި ތަންފީޒީ އިދާރާތަކުން ޖަވާބުދާރީވާންޖެހޭނެކަމަށާއި، އެކަމުގައި ލަސްވާ ލަސްވުމަކީ ސުވާލު އުފެދޭކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީ.ޕީ.އެމްގެ ފިކުރަކީ ދިވެހިން މިހާތަނަށް ޤަބޫލުކުރަމުން އައި ހުރިހާ އުޞޫލުތައް ދެމެހެއްޓުމަށްޓަކާ ފަނޑުކަމެއްނެތި، އެއްވެސް ކަހަލަ ނިކަމެތިކަމެއް އަޔަނުދިނުމަށްޓަކާ މަސައްކަތް ކުރާ ހަމައެކަނި ޕާޓީކަމަށެވެ. އަދި ޕީ.ޕީ.އެމް ވުޖޫދުވީންސުރެއް މަސައްކަތްކުރަމުންދިޔައީ ޤައުމީ މަސްލަޙަތު ކުރިއަށްނެރެ، ވަޠަނީ ރޫޙުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕީ.ޕީ.އެމުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާ ރަައީސް ޔާމީން ވިދާޅުވީ، ޤައުމު ހަމަ މަގަށް އެޅުވުމަށް އެޕާޓީން ކުރާ މަސައްކަތް ކުރިއަށްއޮތްތާ މިއަށްވުރެ ވަރުގަދަކުރައްވާނެކަމަށެވެ.