ދުނިޔޭގެ ވިޔަފާރި

ޖައްވީ ސްޓޭޝަންތައް ތަރައްޤީކުރުމަށް ނާސާއިން 3 ކުންފުންޏަކަށް އެހީތެރިން


ޖައްވީ ޙަރަކާތްތަކުގައި ގަދަބާރުގެ ގޮތުގައި ދެމިއޮތުމަށް ނާސާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖައްވީ ސްޓޭޝަންތައް ތަރައްޤީކުރުމަށް 3 ކުންފުންޏަކަށް މާލީ އެހީތެރިން ފޯރުކޮށްދީފިއެވެ.

ނާސާއިން 416 މިލިއަން ޔޫއެސް ޑޮލަރާއި ގާތްކުރާ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އެމެރިކާގައި ޖައްވީ މަސައްކަތް ކުރަމުންދާ އަމިއްލަ 3 ކުންފުންޏެއް ކަމަށްވާ ބްލޫ އޮރިޖިންއާއި ނެނޮރެކްސް އަދި ނޯތްރޮޕް ގްރަމަންއަށެވެ.

ނާސާގެ މި އިންވެސްޓްމަންޓުގެ ޢަމާޒަކީ އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ދުނިޔޭގެ ބޭރުން ތިރީ ފަށަލައިގައި ނުވަތަ ލޯ-އާރތް އޯރބިޓްގައި އިޤްތިޞާދީ ވިޔަފާރިތައް ތަޢާރަފްކުރުމެވެ. އެގޮތުން ބްލޫ އޮރިޖިން އިން އިތުރު ކުންފުނިތަކާއި ގުޅިގެން ތައްޔާރުކުރަމުންދާ އެކުންފުނީގެ ޖައްވީ ސްޓޭޝަން "އޯބިޓަލް ރީފް"ގެ ސަބަބުން ޖައްވުގެ މި ފަށަލައިގައި މުނިފޫހިފިލުވުމާއި މުދާއުފެއްދުމާއި ކުޅިވަރުކުޅުމާއި އަދި ހިތްހަމަޖައްސާލުމަށް ޖައްވައް ދަތުރުކުރުމަށް އެކަށީގެންވާފަދަ ކާރުޚާނާތައް ޤާއިމުކޮށް، މަންފާ ހޯދުމުގެ ފުރުޞަތު އެބައޮތްކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މި ފައިސާގެ ތެރެއިން 160 މިލިއަން ޔޫއެސް ޑޮލަރާއެކު އެންމެ ބޮޑު އިންސައްތައެއް ލިބިފައިވަނީ ނެނޮރެކްސް އަށެވެ. ނެނޮރެކްސްއިން ތައްޔާރުކުރަމުންދާ ދުނިޔޭގެ އެންމެ ފުރަތަމަ ވިޔަފާރިބޭނުމަށް ދައުރުކުރާނެ ޖައްވީ އުޅަނދު "ސްޓާރލެބް"، 2027 ގައި ބޭނުންކުރަން ފެށޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. އަދި މި އުޅަނދުގެ ސަބަބުން މުހިއްމު ދިރާސާތަކާއި އިންޑަސްޓްރިއަލް މަސައްކަތަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ފައިސާގެ އެހީ ލިބިފައިވާ ތިންވަނަ ކުންފުނި ކަމަށްވާ ނޯތްރޮޕް ގްރަމަންގެ ޢަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް ނާސާއިން ހިންގާ އިޤްތިޞާދީ މިޝަންތަކުގައި ޙިއްޞާދާރެއްގެގޮތުން ބައިވެރިވުން ކަމަށް އެކުންފުނީގެ ސިވިލް އެންޑް ކޮމާޝަލް ސްޕޭސްގެ ނައިބު ރައީސް ސްޓީވް ކްރައިން ވިދާޅުވެއެވެ.