އެސްޓީއޯއިން ރާއްޖެ ގެންނަ ބޭސް ރައްކާކުރުމަށް މާލޭގައި ބޮޑު ވެއަރ ހައުސްއެއް އެޅުމަށް ނިންމައިފިއެވެ.
މިވަގުތު ރާއްޖެއިން ބޭރުން ގެންނަ ބޭސްތައް ރައްކާކޮށް އަތޮޅުތަކަށް ބޭސްތައް ފޮނުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަނީ ކުޑަ ގުދަނެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯއިން މިހާރުވެސް ބޭނުން ކުރަމުން ދަނީ މާލޭގައި އެންމެ ފުރަތަމަ ބޭސް ފިހާރަ ހިންގަން ފެށި ދުވަސްވަރުގައި ބޭނުން ކުރަމުން އައި ކުޑަ ގުދަންކަމަށެވެ. މިގޮތުން ބޭސް ރައްކާކުރުމަށާއި ރަށްރަށަށް ބޭނުންވާ ބޭސްތައް ފޮނުވުމަށް ޕެކްކުރުން ފަދަ ކަންކަން ކުރަމުން އަންނަނީ 20 ފޫޓް ދިގު 5 ވަރަކަށް ފޫޓު ފުޅާ މޭޒްއެއްގައިކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިހާތަލުގައި ރައްޔިތުންނަށް ހިދުމަތް ދޭން ޖެހުމުގެ ސަބަބުން ރަށްރަށަށް ފޮނުވަންޖެހޭ ބޭސްތައް ފޮނުވުމުގައިވެސް ދަތިތަކެއް ކުރިމަތިވާކަމަށެވެ. ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމީނީ މަގު ސްޓޭޑިއަމް ކުރިމަތީގައި ކުރިން ހިންގަމުން އައި އެސްޓީއޯގެ 5 ނަންބަރު ގުދަނުގައި މެޑިކަލް ވެއަރހައުސްއެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު އެތަނުގައި ޓްރެފިކް ޕޮލިހުންގެ ޚިދުމަތް ދެމުން އައިނަމަވެސް އެތަން ހުސްކުރުމުން އަވަހަކަށް އެ އިމާރާތް އެޅުމުގެ މަސައްކަތް ފަށާނެކަމަށް އަމްރު ވިދާޅުވިއެވެ. މިގޮތުން މިހާރު ކުރެހުންތަކާއި ފައިސާވެސް ހަމަޖެހިފައިވާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
" ރަށްރަށަށް ފޮނުވާ ބޭސްތައް ޕެކްކުރަން ތިއްބާ އައިސްފާނެ އެމަރޖެންސީއެއް. ދެ މި ޖެހެނީ އެތަކެތި ޕެކްކުރުން ހުއްޓާލާފަ އެކަމާ އުޅޭން. އެއާއެކު ރަށްރަށް ފޮނުވާ ބޭސްތައް ފޮނުވުމުގައި ލަސްވޭއެބަ. މެޑިކަލް އައު ވެއަރހައުސްއެއް އެޅުމުން ވަރަށް ފަސޭހަވާނެ ބޭސް ފޯރުކޮށްދިނުމަށްވެސް. މިއި ކޮންމެހެން ކުރަން ޖެހޭ ކަމެއް" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވިއެވެ.
ބޭސް ރައްކާކުރޭނެ އައު ގުދަނެއް އެޅުމަށް ނިންމާފައިވާއިރު މިހާރު ބޭސް ރައްކާކުރަމުން އަންނަ ގުދަނުގައި 2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ގިނަ އަދަދެއްގެ ބޭސްވެސް ވަނީ އަނދާފައެވެ.
އެސްޓީއޯއަކީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުންޏެވެ. އަދި އެސްޓީއޯއިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 189 ފާމަސީއެއް ހިންގަމުންނެވެ.