ޚަބަރު

ބީއެމްއެލްއިން ދޫކުރާ ހޯމް ލޯނުގެ ރޭޓް 9 އިންސައްތަ ކުޑަކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ހޯމް ލޯނުގެ ރޭޓް ކުޑަކޮށްފިއެވެ.

ހޯމް ލޯންގެ ރޭޓް ބީއެމްއެލްއިން 9 އިންސައްތައަށް ކުޑަކޮށްފައިވާއިރު މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި، އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސްކުރުމަށް އެދި ހުށަހެޅުމުން، މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާރޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެއެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިވަގުތު ބޭންކު އޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

" މިސާލަކަށް ދަންނަވާނަމަ، 3 މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި."ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދަޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ވަނީ މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓްވެސް %9 އަށް ދަށްކޮށްފައެވެ. އަދި މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްއިން ވިދާޅުވީ މިމަހުގެ 1 އިން ފެށިގެން އަލަށް ކަނޑައެޅި ރޭޓްތަކަށް އަމަލުކުރަމުންދާނެކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކްއިން ޝަރީޢާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައް ވަނީ ގެނެސްފައެވެ.

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން ވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕަރސަނަލް ލޯނުތަކަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހޭޅޭގޮތް ހަމަޖައްސާފައެވެ. މިގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެއެވެ.