ޚަބަރު

ބިދޭސީން ވިޔަފާރިކުރުން މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި


ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ގެނައި މައިގަނޑު އިޞްލާހަކީ ރާއްޖޭގައި ވިޔަފާރިއެއް ހިންގުމަށް ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމްކުރުމެވެ. އެގޮތުން ޤާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކޮށްފައިވަނީ، ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެކަމަށެވެ.

މި ޤާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައި، މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު މި އިޞްލާޙުގައި 10 (ދިހައެއް) އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 (ނުވަދިހަ) ދުވަހުން، 1 (އެކެއް) އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.

މި ޤާނޫނަށް ގެނެވުނު އިސްލާޙުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާޠިލުކުރެވިދާނެ ޙާލަތެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.