މަޝްހޫރު ވޯލް ޑިޒްނީ ކުންފުންޏަށް ފުރަތަމަ ފަހަރަށް އަންހެން ޗެއަރމަނަކު ޢައްޔަނުކޮށްފިއެވެ.
ޑިޒްނީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން އެކުންފުނީގެ ޗެއަރމަންކަން ކުރާނީ، ފާއިތުވި 14 އަހަރު ކުންފުނީގެ ބޯޑުގައި ހިމެނޭ އަދި 2018 ވަނަ އަހަރުން ފެށިގެން ބޯޑުގެ ލީޑް ޑައިރެކްޓަރުކަމުގެ މަޤާމުގައި ހުރި ސޫޒަން އާނަލްޑެވެ.
ޑިޒްނީގެ ފުރަތަމަ އަންހެން ޗެއަރމަނަކަށް އާނަލްޑް ހަމަޖައްސާފައި މިވަނީ ބޮޑެތި ކުންފުނިތަކުގެ ސީއީއޯއާއި ޗެއަރމަންގެ މަޤާމަށް ވަކި ދެ މީހަކު ޢައްޔަންކުރުމަށާއި، ކުންފުނިތަކުގެ ހިންގާ އޮނިގަނޑު މިހާރަށްވުރެ ހަރުދަނާކުރުމަށް އިންވެސްޓަރުން ބާރުއަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޗެއަރމަންކަން ލިބުމުން އާނަލްޑް ވަނީ ކުންފުނީގެ ޤަރުނެއްވީ ދިގު މާޒީގައި ދަމަހައްޓާފައިވާ އުފެއްދުންތެރި ޚިޔާލު ނެގެހެއްޓުމުގައި ޙިއްސާދާރުންނާއިއެކު ގާތުން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި އާނަލްޑްގެ މޭސްތިރިކަމުގެ ދަށުން ޑިޒްނީ ކުރިއަށްދާނީ އެންމެ ރަނގަޅު މިޞްރާބުގައިކަން ޔަޤީންކުރާކަމަށް ކުރީގެ ޗެއަރމަން ބުނެފައިވެއެވެ.
އެމެރިކާގައި އެއްތަނަކުން އެންމެ ގިނަ މުވައްޒަފުން ގެންގުޅުމުގެ ލަޤަބު އޮންނަ ޑިޒްނީ ހިންގުމާއި އާނަލްޑް ޙަވާލުވިއިރު އޭނާ މީގެކުރިން ވަނީ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް ކުންފުނި ކާލައިލްސް ގްރޫޕާއި، މެކްޑޮނަލްޑްސްގެ މުހިއްމު މަޤާމުތައްވެސް ފުރާފައެވެ.
2012 އިން ފެށިގެން ޑިޒްނީގެ ޗެއަރމަނަކަށް އަދި 2005 އިން ފެށިގެން ޗީފް އެގްޒެކެޓިވް އޮފިސަރަކަށްވެސް ހުރި ރޮބާޓް އައިގާ، މިދިޔަ އަހަރު ވަނީ އެނާ މަޤާމުން އިސްތިޢުފާ ދިންކަން އިޢުލާންކޮށްފައެވެ. ރޮބާޓްގެ ދައުރު މިމަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ ވަނީ 15 އަހަރު ޑިޒްނީއަށް ޚިދުމަތްކޮށްދީފައެވެ.
އައިގާއާއެކު ޑިޒްނީގެ ބޯޑުގައި ހިމެނޭ ސްޓޫޑިއޯ ހެޑާއި، ޑިޒްނީ ބްރޭންޑެޑް ޓެލެވިޜަންގެ ރައީސާއި، ޗީފް ކްރިއޭޓިވް އޮފިސަރުވެސް މިއަހަރުގެ ނިޔަލަށް ބޯޑުން ވަކިވާން ނިންމާފައިވާކަމަށް ނޫސްތަކުން ހާމަކުރިނަމަވެސް މި މަޤާމުތަކަށް މީހުން ޢައްޔަނުކުރިކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ވާލްޓް ޑިޒްނީ އަކީ މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. މި ކުންފުނިން އެނިމޭޝަން ފިލްމު ހެދުމާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ހިންގުމުގެ އިތުރުން ތީމް ޕާކުތަކާއި ތިއޭޓަރުތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގައެވެ. އެނިމޭޓެޑް ފިލްމުތަކުގެތެރެއިން ބޮކްސް އޮފީހުގެ އެންމެ ކުރި ހޯދާފައިވާ އަދި ދިވެހިންގެ މެދުގައިވެސް މަޝްހޫރު ފްރޯޒެން، ލަޔަންކިންގް، ސިންޑްރެލާ، ސްނޯވައިޓް، މުލާން، އަދި ފައިންޑިންގް ނީމޯ ފަދަ ކާޓޫނު ފިލްމުތަކަކީ ޑިޒްނީގެ އުފެއްދުންތަކެވެ.