ދުނިޔޭގެ ވިޔަފާރި

ޔޫއޭއީން ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދު ގަތުމަށް ފްރާންސާއެކު އެއްބަސްވުމެއް ހަދައިފި


ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީން އަސްކަރީ އުޅަނދު ގަތުމަށް ފްރާންސާއެކު 19.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، ޢަރަބި ކަރައިގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔޫއޭއީއަށް ވަޑައިގެން ސޮއިކުރެއްވި މި އެއްބަސްވުމުގައި ވަނީ ފްރާންސްގެ ދައްސޯ އޭވިއޭޝަނުން ތައްޔާރުކުރާ 80 ރަފައަލް ހަނގުރާމަ މަތީ ޖެޓާއި، އެއަރބަސް ހެލިކޮޕްޓާރސްއިން ތައްޔާރުކުރާ 12 ކަރަކަލް މިލިޓަރީ ހެލިކޮޕްޓަރު ތައްޔާރުކުރުމަށެވެ. ޔޫއޭއީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކްރައުން ޕްރިންސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް-ނަޙްޔާނެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ ޓެރެރިޒަމާއި ދެކޮޅަށް ޢަރަބި ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދީ، ހަނގުރާމަމަތީ އުޅަނދުތައް ފޯރުކޮށްދިނުމުގެ ސަބަބުން ޢަރަބި ޤައުމުތަކާއި އަދި ޚާއްޞަކޮށް ޔޫއޭއީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދާކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ފްރާންސްގެ އިޤްތިޞާދަށް މަންފާކުރާނެކަމަށްވެސް މެކްރޯން ވިދާޅުވިއެވެ. 2027 ގައި ޔޫއޭއީ އާއި އުޅަނދުތައް ޙަވާލުކުރަން ފަށާގޮތަށް ހެދި މި އެއްބަސްވުމާއެކު ގާތްގަނޑަކަށް 7000 ވަޒީފާ ފްރާންސްގައި އުފެދިގެން ދާނެކަމަށް އެޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

ރަފައަލް މަރުކާގެ ހަނގުރާމަމަތީ ޖެޓަށް މިއަހަރު ތެރޭގައި ކްރޮއޭޝިއާ އާއި ގްރީސް އާއި މިޞްރުންވެސް ވަނީ އޯޑަރުދީފައެވެ. ޔޫއޭއީގެ އޯޑަރަކީ މިހާތަނަށް ޤައުމުން ބޭރުން ލިބުނު އެންމެ ބޮޑު އޯޑަރު ކަމަށާއި އޭގެސަބަބުން ކުންފުނީގެ ޙިއްސާ 9 އިންސައްތައަށްވުރެ ބޮޑަށް އިތުރުވެފައިވާކަމަށް މި ޖެޓުތައް ތައްޔާރުކުރާ ދައްސޯ އޭވިއޭޝަނުން ބުނެއެވެ.

ޔޫއޭއީއިން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި އެޤައުމާއެކު 50 އެފް-35 ހަނގުރާމަމަތީ ޖެޓު ގަތުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ޖޯ ބައިޑެންގެ ސަރުކާރުން ވަނީ މި އެއްބަސްވުން މިއަހަރުތެރޭގައި އެކުލަވާލާނެކަމަށް ބުނެފައެވެ. ނަމަވެސް ޔޫއޭއީ އާއި ޗައިނާއާ ދެމެދު އޮތް ދާޚިލީ ގުޅުމުގެ ސަބަބުން އެމެއެރިކާގެ ކޮންގްރެސްއިން މިއެއްބަސްވުން ކުރިއަށްގެންދިއުމާމެދު އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންކަމުން ފްރާންސާއެކު ސޮއިކުރި އެއްބަސްވުމަކީ އެމެރިކާގެ ނިންމުން އަވަސްކުރުވުމުގެ ބޭނުމުގައި ކުރި ކަމެއްކަމަށް ބޭރުގެ މާހިރުން ދެކެއެވެ. މިކަމަށް އަލިއަޅުވައި ޔޫއޭއީގެ އަސްކަރީ ކޮމާންޑަރު މޭޖާ ޖެނެރަލް އިބްރާހިމް ނަޞީރު އަލް އަލަވީ ވިދާޅުވީ ފްރާންސާއިއެކު އެއްބަސްވުން ހެދި ނަމަވެސް އެމެރިކާއާއެކު މަޝްވަރާކުރެވުނު އެފް-35 ހޯދުމުގެ އެއްބަސްވުމާއިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ.

ޔޫއޭއީގައި މިހާރުވެސް ފްރާންސަށް ނިޞްބަތްވާ މިރާޝް-2000 ގެ ހަނގުރާމަމަތީ ޖެޓު ފްލީޓެއް އެބައޮތެވެ. އަލަށް ސޮއިކުރި އެއްބަސްވުމާއެކު މި ފްލީޓު ދޫކޮށްލަން ނިންމާފާއިވާކަމަށް ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ހާމަކުރެއެވެ.