ޚަބަރު

ދަތި ހާލަތަކަށް ރާއްޖޭގެ އިޤްތިޞާދު ނުވެއްޓުނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުން: ސައުދު


ކޯވިޑްއާއެކު ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދަށް ކުރިމަތިވި ދަތި ހާލަތު ރާއްޖެއަށް ކުރިމަތިނުވެ ސަލާމަތްވެފައިވަނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑްއާއެކު ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއެގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ކޯވިޑާއިއެކު ދުނިޔޭގެ އެންމެ މުއްސަނދި ބޮޑެތި އާބާދީތައް މިއަދު އުޅެމުންދާ ހާލަތަކީ ވަރަށް ދަތިހާލަތެއް ކަމަށެވެ. އަދި ރާއްޖެއާއި އެންމެ ކައިރިން އޮތް އިންޑިއާ، ސްރީލަންކާގެ އެތައް ރައްޔިތަކު މަގުމަތިވެ، ނިކަމެތި ހާލަތުގައި އުޅޭކަމީ މިއަދުވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަކީ ފުދުންތެރިކަން މަދު، އެންމެ ސިނާއަތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، އެކަމުން ލިބޭ މަންފާ ހަނިނުވާނެ ގޮތަކަށް ސަރުކާރުން ރިސްކު ނެގުމަށްފަހުވެސް އެޅި ހަރުދަނާ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ޤައުމުތައް މިއަދު ދެކެމުންދާ ހިތްދަތި ހާލަތަށް ރާއްޖެ ނުދިއުމުގެ އެންމެ ބޮޑު ސަބަބުކަމަށެވެ. އަދި ސިވިލް ސާވިސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކޮށް، މުސާރަ ބަރާބަރަށް ދެމުން އިޤްތިޞާދު ކޮޅަށްޖެހުމަށް ސަރުކާރުން ކުރި ހޭދަތަކަކީ ނުރުހުނަސް ރުހުނަސް ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ އޭޝިއާގަ އަޅުގަނޑުމެން އެންމެ ގިނައިން ގޮސްއުޅޭ ސްރީލަންކާ އިގޭތޯއެތާގައި ޕްރައިވެޓް ސެކްޓާރވެސް އަދި ޕަބްލިކް ސެކްޓަރގަވެސް ވަޒީފައި ތިބި މީހުންނަށް މުސާރަ ނުދޭތާ 2 އަހަރެއްވެފަ ވަނީ. ވަރަށް ހާލުގައި މީހުން ތިބީ. މިއީ އަމިއްލައަށް ޕްރޮޑަކްޓު އުފައްދައި، ވިޔަފާރިތައް ބޮޑު ގައުމެއް. އިންޑިއާއަށް ބަލައިފިނަމަވެސް ވަރަށް ހާލުގައި އުޅެމުންދަނީ. ނަމަވެސް ރާއްޖޭގައި މިފަދަ އެއްވެސް ކަމެއް ނުފެނޭ. މިކަން ކުރިމަތިނުވީ ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދިނީ، އާންމު ފަރުދުންނަށް ލިބޭ ނިކަމެތިކަން ކުޑަކުރުމަށް ކަމަށެވެ. އެގޮތުން ކަރަންޓާއި ފެނަށްވެސް ސަބްސިޑީ ދީ، ރައްޔިތުން ނަގާފައިވާ ލޯނުތައް ދައްކަންޖެހޭ މުއްދަތު އިތުރުކޮށް އިތުރު ވިޔަފާރިތައް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެ ކަންތައްތަކެއް ކަމަށެވެ.

"ސަރުކާރުން ދެއްވި ޕެކޭޖުތައް މިއަދު ބަލައި ގަންނަންޖެހޭ. ކަރަންޓު ފެން. އަދި ލޯނުތަކުގެ މުއްދަތު އިތުރު ކުރުމާއި، މިކަންކަން ހަމަޖެހި، ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައި ގަތުމަށް މިއަދު އަޅަމުންދާ ފިޔަވަޅު ތަކަކީ ހަރުދަނާ ފިޔަވަޅު ތަކެއް" ސައުދު ވިދާޅުވިއެވެ.

ކޯވިޑާއެކު ދުނިޔޭގެ ބޮޑެތި ޤައުމުތައް ލޮކްޑައުންކޮށް، އަދިވެސް ނުހުޅުވިގެން އުޅޭއިރު، އެޤައުމުތަކުގެ އިޤްތިޞާދީ ހާލަތު ދަށްވެ، އެތައް ބައެއްގެ ވަޒީފާގެއްލި ވަނީ މަގުމަތިވެފައެވެ. އަދި މިހާރު އަލަށް ފެނުނު ވޭރިއަންޓާއެކު އަނެއްކާވެސް ޤައުމުތަކުން ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު، މިކަންކަމަށް ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އެންމެ ސިނާއަތަކަށް ބަރޯސާ ވުމުގެ ބަދަލުގައި ގިނަ ދާއިރާތަށް ކުރިއެރުވޭނެ މަގުތަނަވަސް ވަމުންދާކަމީ ލިބޭ ހިތްހަމަޖެހުމެއްކަމަށް ސައުދު ވިދާޅުވިއެވެ.