ތަޢުލީމު

މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދީނާއި ޚިލާފު ޙަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ: ހަޔަރ އެޑިއުކޭޝަން


އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ، އެމަރުކަޒަކާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީ ހިނދު، އަދި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ޙިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށެވެ.

ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މިފަދަ ކަންކަމަކީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ޙަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ހިންގާ ޙަރަކާތަކަށް ވުމަކީ ލާޒިމުކަމެއްކަމަށެވެ. އަދި އެ ޙަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ޙަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނުނުތަކާއި ޚިލާފަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.