ޚަބަރު

ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކުރި މައްސަލަ ކޯޓަށް


މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާޠިލްކުރަން ނިންމި މައްސަލައަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި އެނިންމުން ބާޠިލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށާއި އެލް.ޖީ.އޭއަށް އެޗްޑީސީން މައްސަލަ ހުށަހަޅައިފިއެވެ.

ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާޠިލްކޮށްފައިވަނީ އިއްޔެއެވެ. މިމައްސަލާގައި އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓަރީ ބާޠިލްކޮށްފައިވާކަން އަންގައި މާލެ ސިޓީ ކައުންސިލުން ވަނީ ސިޓީއަކުން އަންގާފައިކަމަށެވެ.

ނަމަވެސް މި ނިންމެވުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާބެހޭ ޤާނޫނުގެ 24ވަނަ މާއްދާގެ (ށ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56ވަނަ މާއްދާގެ (ށ)އާ ޚިލާފަށް ނިންމަވާފައިވާ ނިއްމެވުމެއްކަމަށެވެ.

އެހެންކަމުން މިކަން ބައްލަވައިދެއްވައި، މިނިންމެވުމަކީ ޤާނޫނާ ޚިލާފު ނިންމެވުމެއްކަމަށް ކަނޑައަޅައި ދެއްވައި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މިއަދު ހުށަހަޅާފައިވާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.