އއ.ފެރިދޫގައި ސަރުކާރުން ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިމަސައްކަތް އިފްތިތާޙްކޮށްދެއްވީ އެރަށުގައި ބޭއްވީ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ބޯޑު މެމްބަރު އިބްރާހީމް އަންވަރާއި މަތިވެރީ ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ޒަރީރުގެ އިތުރަށް ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢީލް ޝާހްއެވެ.
މި މަޝްރޫޢުގެ ދަށުން ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިގެން ތަކެތި އެރަށަށް ފޮނުވައި ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ޢިމާރާތުގެ %35 މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ފެރިދޫގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން ޢިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށެވެ.
ފެރިދޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.5 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި 1.7 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއުމްކުރުމަށްޓަކައި 69.33 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.