ޚަބަރު

ބޭސް ވިއްކޭނެ އެންމެމަތީ އަގު: ވިޔަފާރިވެރިންގެ ޚިޔާލުތައް އިވެލުއޭޓް ކުރަން ފަށައިފި


ރާއްޖޭގައި ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓަށް ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީ ތަކުގެ ވެރިން ހުށައެޅި ޚިޔާލުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގައި އަސާސީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ރާއްޖޭގައި އަސާސީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް ގިނަބަޔަކު ޚިޔާލުތައް ހުށައަޅާފައިވާކަމަށެވެ. އެގޮތުން ވަކި ވަކި ވިޔަފާރިވެރިންނާއި ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތައް ހިމެނޭކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މައިގަނޑުގޮތެއްގައި ވިޔަފާރިވެރިން ހުށައަޅާފައިވާ ޚިޔާލުތަކުގައި ބޭހުގެ އަގުބޮޑުވާ ސަބަބުތައްފަދަ ކަންކަން ވަނީ ހިއްސާކޮށްފައެވެ. އަދި ރާއްޖެއިން އެންމެ ގިނައިން ބޭސް އެތެރެކުރަމުން އަންނަނީ އިންޑިއާއިން ކަމަށްވުމާއެކު އިންޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީތަކާ ގުޅިގެން ބޭހުގެ އަގު ބެލުންފަދަ ކަންކަން ބަލަމުން އަންނަކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެ އޮތޯރިޓީން ވިދާޅުވީ މިހާރު ހުށައަޅާފައިވާ ޚިޔާލު ފޯމްތައް އިވެލުއޭޓް ކުރަން ފަށާފައިވާކަމަށެވެ. އަދި މިގޮތަށް ހުށަހެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ އެބަދަލެއް ގެންނާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ޑޮކްޓަރީ ބޭހުގެ އެމް.އާރް.ޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އެމް.އާރް.ޕީ ކަލްކިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފް.އޯ.ބީ އަގަށް %100 މާކަޕެއް ހިމަނައިގެންކަމަށެވެ. އަދި އިންވޮއިސްގެ އެފް.އޯ.ބީއަށް މައުލޫމާތު ނަގާފައިވަނީ ފާއިތުވި 5 އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓަރ އިންނެވެ.

މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުންކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓިގެން ދާނެއެވެ.

މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭސްސިޓީއާ ނުލައި ވިއްކޭ ބައެއް އާދައިގެ ބޭސްތައް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.

އެމް.އާރް.ޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. ނަމަވެސް ބޭހުގެ އަގަށް އަންނަ ބަދާލާއިއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ދެއްވައެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރެވޭ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.