ވިޔަފާރި

މިއަދަކީ އެއަރޕޯޓްގައި އެންމެ ގިނަ ފްލައިޓް ޕާކްކުރި ދުވަސް


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި
މިހާތަނަށް އެއްވަގުތެއްގައި އެންމެ ގިނަ ފްލައިޓް ޕާކް ކުރި ދުވަހަކީ މިއަދެވެ.
އެގޮތުން މިއަދުގެ ހެނދުނު 7 ން 10 އަށް އެއަރޕޯޓްގައި ޖުމްލަ 35 ފްލައިޓް އޮތް
ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ހާމަކުރެއެވެ. މިހާގިނަ ފްލައިޓް
އެއްފަހަރާ ޕާކުކުރެވުނީ އެއަރޕޯޓްގައި ޕާކުކުރުމުގެ ޖާގަ ތަނަވަސްކުރެވުމާއި އަދި
މި ދުވަސްވަރަކީ ގިނަ ޢަދަދަކަށް ޕްރައިޓް ޖެޓް ރާއްޖެ އަންނަ ދުވަސްވަރަކަށްވުމުންނެވެ.




އާ އަހަރު
ފާހަގަކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކުވެސް ޑިސެމްބަރު އަދި
ޖެނުއަރީ މަހު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި
ރާއްޖޭގައި އެތެރޭގެ އުދުހުންތައްވެސް ޗުއްޓީއާ ދިމާކޮށް އެތައް ގުނަޔަކުން
އިތުރުވެގެންދެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކޮންމެ އަހަރެއްގެވެސް މި
ދުވަސްވަރު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވުމެވެ.  ރާއްޖެއަކީ މުއްސަނދި މަހުޖަނުންގެ މެދުގައި
މަޤްބޫލް މަންޒިލަކަށް ވާއިރު، މުއްސަނދި ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ
ބަޔަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަނީ ޕްރައިވެޓް ޖެޓްތަކުގައެވެ. އިބްރާހީމް
ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެޓްތައް ޕާކުކުރުމުގެ ޖާގައިގެ ދަތިކަން ކުރިން
އޮތް ނަމަވެސް ދާދި ފަހުން ހުޅުވި ނޯތް އެޕްރަންއާއެކު މި ކަމަށް ވަނީ ޙައްލެއް ލިބިފައެވެ.



ޕީއެސްއެމާއި
ވާހަކަދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އެއަރޕޯޓްސް އޮޕަރޭޝަންސްގެ
ޖެނެރަލް މެނޭޖަރ އަލީ މުޝްތާޤު ވިދާޅުވީ މީގެ ކުރިން އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ގިނަވެއްޖެނަމަ ޖެޓްތައް
ޕާކުކުރުމަށް ފޮނުވާލަން ޖެހެނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށާއި މާމިނގިލި
އެއަރޕޯޓާއި ކޮލޮމްބޯއަށް ކަމަށެވެ. 

އެހެންނަމަވެސް މިހާރު އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެޓް ޕާކު ކުރާނެ ޖާގަ ނެތިގެން އެއްވެސް ޖެޓެއް
ފޮނުވާލަން ޖެހިފައިނުވާކަމަށް މުޝްތާޤް ވިދާޅުވިއެވެ.



މުޝްތާޤު
ފާހަގަކުރެއްވިގޮތުގައި އިއްޔެ 25 ޕްރައިވެޓް ޖެޓް އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޕާކްކޮށްފައި އޮތްއިރު މިއަދުވެސް ގިނަ އަދަދަކަށް
ޕްރައިވެޓް ޖެޓްތައް އެއަރޕޯޓްގައި ޕާކުކުރާގޮތަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ
ކަމަށެވެ. އަދި ރާއްޖޭގައި ޕާކުކުރާ ޕްރައިވެޓް ޖެޓްތައް މިދިޔަ އަހަރާ އަޅާބަލާއިރު
%14 އިތުރު ވެފައިވާ ކަމަށްވެސް މުޝްތާޤް ފާހަގަކުރެއްވިއެވެ.



ރާއްޖެއަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓްތައް އަންނަނީ މެދުއިތުރުމަތީގެ
ޤައުމުތަކުންނާއި ޔޫރަޕްގެ ޤައުމްތަކުންނެވެ. އަދި ޢާއްމުގޮތެއްގައި މި ޕްރައިވެޓް
ޖެޓްތައް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެ ހަފްތާއެއްހާ ދުވަހު
ޕާކުކޮށްފައި އޮވެއެވެ. މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ނަފާއެއްކަން މުޝްތާޤު ފާހަގަކުރެއްވިއެވެ.



އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއަރޕޯޓްގެ މާސްޓަރ ޕްލޭންގައި އެއަރޕޯޓުގައި ޖެޓް ޓާމިނަލެއް
ތަރައްޤީކުރެއްވުން ވަނީ ހިމަނުއްވާފައެވެ. އަދި އެފަދަ ޓާރމިނަލެއް ތަރައްޤީވެގެން
ދިޔުމުން ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަތުރުވެރިންނަށް ހުރިހާ ޚިދުމަތެއް
އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.