އެމެރިކާގައި އުފައްދާ އީވެހިކަލް ނުވަތަ ބެޓެރީ ޗާޖުކޮށްގެން ދުއްވާ އެއްގަމު އުޅަނޑުތަކުން ނަގާ ޓެކްސް ބޮޑު ކުރުމުގެ ބިލަށް ބަދަލު ނުގެނެސްފިނަމަ، އެމެރިކާގެ ގިނަ އުފެއްދުންތަކަށް ނަގާ ޑިއުޓީ ބޮޑުކުރާނެކަމުގެ އިންޒާރު، ކެނެޑާއިން ދީފއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިޤްތިޞާދީ ޕްލޭނުގައި ޚާއްޞަ އިސްކަމެއް ދީފައިވާ އެޤައުމުގެ އޮޓޯ ސިނާޢަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެގޮތުން، އެމެރިކާގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމާ ބިލު، ކޮންގްރެސްގެ ތިރީ ޗެމްބަރުން ފާސްކުރުމާއި ގުޅިގެން ކެނެޑާއިން ވަނީ، ގިނަ ދުވަސްތަކެއްވަންދެން އެޤައުމުން ކުރަމުންދިޔަ މަޝްވަރާތަކުގައި ކުރިއަށްވުރެ ހަރުކަށިވާން ނިންމާފައިވާކަމަށް ބުނެފައެވެ.
މިދިޔަ ހަފްތާގައި ކެނެޑާގެ މާލީ ވަޒީރާއި ވިޔަފާރިއާ ބެހޭ ވަޒީރު، އެމެރިކާގެ ކޮންގްރެސް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓެކްސް ބިލުގައި މިހާރު ހުރި ބައިތައް އެއްގޮތަކަށްވެސް ބަލައި ނުގަންނަ ކަމަށާއި، ޓެކްސް ބިލު މިހާރު އޮތްގޮތަށް ފާސްކޮށްފިނަމަ އުތުރު އެމެރިކާގެ އޮޓޯ ސިނާޢަތް ބޮޑު އަނދަވަޅަކަށް ވެއްޓިގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި މިބިލުގައި ހުށަހަޅާފައިވާ ޢަދަދަކީ ކެނެޑާގައި އުފައްދާ އުޅަދުތަކަށް ނަގާ ޑިއުޓީގެ 34% އާ އެއްވަރުގެ ޢަދަދެއް ކަމަށާއި، އެހެންކަމުން މިއީ އެޤައުމުގެ ވިޔަފާރިއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އެމެރިކާއިން ހުށަހަޅާފައިވަނީ އެޤައުމުގައި ތައްޔާރުކުރާ އީ-ވެހިކަލްތަކުން 12،500 ޑޮލަރުގެ ޓެކްސް ކްރެޑިޓެއް ނެގުމަށެވެ. މީގެތެރޭގައި އެމެރިކާއާއި ކެނެޑާ، މި ދެޤައުމުގެ ޙިއްސާ އޮންނަ ޔޫނިއަނުން އުފައްދާ އުޅަނދުތަކަށް ނަގާ 4،500 ޑޮލަރުގެ ޓެކްސް ކްރެޑިޓާއި، އެމެރިކާގައި އުފައްދާ ބެޓެރިތަކަށް ނަގާ 500 ޑޮލަރުގެ ޓެކްސް ކްރެޑިޓް ހިމެނެއެވެ.
ކެނެޑާގެ ވަޒީރުންގެ ކަންބޮޑުވުން ފާޅުކޮށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ އެޤައުމުން އެމެރިކާގެ އުފެއްދުންތަކަށް ނަގާ ޓެކްސް ބޮޑުކުރުމަށްޓަކައި، އެމެރިކާގެ އުފެއްދުންތައް ހިމެނޭ ލިސްޓެއް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމެރިކާއާ މެކްސިކޯއާ ކެނެޑާ ހިމެނޭހެން ހަދާފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އުފެއްދުންތެރިންނަށް ކިރުގެ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާ، ވަގުތީގޮތުން ސަސްޕެންޑުކުރުމަށް ވިސްނަމުންދާކަމަށްވެސް އެސިޓީގައި ބަޔާންކޮށްފައި ވެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ޓެކްސް ބިލު ބަލައިނުގަންނަކަމަށް މެކްސިކޯއިންވެސް ވަނީ ބުނެފައެވެ. ނަމަވެސް މި ބިލަކީ ތިން ޤައުމުގެ މެދުގައި އޮތް ވިޔަފާރި އެއްބަސްވުމާއި ޚިލާފު ބިލެއްކަމަށް އެމެރިކާގެ ރައީސް ދެކެވަޑައިނުގަންނަވާކަމަށް އެޤައުމުން ހާމަކުރެއެވެ. މިމައްސަލައިގައި ކެނެޑާއާ މެކްސިކޯ ދެޤައުމުގެ އިސްވެރިންނާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އާދެވޭނެކަމަށް އުއްމީދުކުރާކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރާއިރު، ކެނެޑާއިން ހުށަހަޅާ ބަދަލުތައް ކާމިޔާބުކުރުމުގެ ފުރުޞަތު އަދި އެބައޮތްކަމަށް އެޤައުމުގެ އޮފިޝަލުންވެސް ވަނީ ހާމަކޮށްފައެވެ.
އެމެރިކާއާއި ކެނެޑާގެ އޮޓޯ ސިނާޢަތު ދެޤައުމަށްވެސް ބަރޯސާވެފައިވާ މިންވަރަށް، ދުނިޔޭގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބެލި ބެލުމުން، ކެނެޑާއިން އުފައްދާ އުޅަނދުތަކަށް ބޭނުންވާ ބައިތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އެތެރެކުރަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާގެ އޮޓޯ ޕާޓްސް ގަތުމަށް ކެނެޑާއިން އަހަރެއްގެ މައްޗަށް 22 ބިލިއަން ޑޮލަރު ޚަރަދުކުރެއެވެ. ހަމައެއާއެކު، ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އީ-ވެހިކަލް ގެ ބެޓެރި އުފެއްދުމަށް ބޭނުންވާ ހުރިހާ ދިޔާ މަޢުދަނެއް ލިބެންހުރި ހަމައެކަނި ޤައުމަކީ ކެނެޑާއެވެ. އެހެންކަމުން އެމެރިކާއިން އުފައްދާ ބެޓެރިތަކަށް ބޭނުންވާ މަޢުދަނު ހޯދަންޖެހޭނީ ކެނެޑާއިންކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.