ޚަބަރު

ރާއްޖޭގެ މަގުތައް އަމާންވުމުގެ ކޮޅުމަތި ފެންނަން ފަށައިފި


ރާއްޖޭގެ މަގުތައް އަމާންވުމުގެ ކޮޅުމަތި މިހާރު ފެންނަން ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ސްޓެރެޓެޖިކް ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތް އިރަށްވުރެ، މިހާރު ރާއްޖޭގެ މަގުތައް އަމާންވާނެ ކަމަށާއި، އެކަމާ ދެބަސްވާނެ މީހަކު ނުހުންނާނެ ކަމަށެވެ. " އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުން ވެސް ވިދާޅުވާންޖެހޭނީ މިއަދު މަގުތަކުގައި ވަޅިހަރާ އަދަދު މަދޭ. މިއަދު މީހުން މަރާ އަދަދު މަދޭ. މިއަދު ކުށްކުރާ އަދަދު މަދޭ. ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި ފެނިއްޖެއޭ" ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.  މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެނިގެންދާނީ، ބޮޑެތި ކުށްކުރުމުން މީހުން ދުރުކުރެވުނު މިންވަރު ކަމަށާއި،  ކުށްކުރުން މަދުވުމުގެ ރަނގަޅު ނަތީޖާ ފެންނަމުން މިދަނީ ކުށްކުރުން ހުއްޓުވަންޖެހޭ ތަންފީޒީ އިދާރާތަކުގެ އެއްބާރުލުކުމާއެކު ކަމަށެވެ. ކުށްވެރިންނަށް ޕެރޯލްގެ ދަށުން ލުއިދިނުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޕެރޯލް ނިޒާމުގެ ދަށުން 100 މީހުން ވަރަށް އަވަހަށް މުޖުތަމައަށް ނެރެން ބޭނުންވާކަން ޕެރޯލް ބޯޑަށް ހުށަހަޅުއްވާފައިވާކަމުގައެވެ.އަމަން އަމާންކަން ގާއިމް ކުރުމަށް ހޯމް މިނިސްޓްރީން ކުރުމަށް މިހާރު ނިންމަވާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން، އެމީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަންގެ ޕްރޮގްރާމް ފެށެންދެން ބައިތިއްބާނެ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގާއިމް ކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެއްޗާބެހޭ ގަނޫނުގެ ދަށުން، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގާއިމްކުރަން ޖެހޭއިރު، އެތަން ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.