ތައި އެއަރ އޭޝިއާގެ ދަތުރުތަށް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
2 އަހަރުގެ މެދުކެނޑުމަކަށްފަހު ތައި އެއަރ އޭޝިއާގެ ދަތުރުތަށް އަލުން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ.
ތައިލެންޑާއި ރާއްޖެއާ ދެމެދު ފްލައިޓްތައް އަލުން ފެށަން ނިންމުމާ ގުޅިގެން ހާއްސަ ވާޗުއަލް އިވެންޓެއްވަނީ ބާއްވާފައެވެ. މި އިވެންޓުގައި މޯލްޑިވްސް މާކެޓިން އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން ބައިވެރިވެފައިވެއެވެ. ކޯވިޑާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީ ވަނީ މި ހަފްލާގެ ބައިވެރިވި ފަރާތްތަކާ ހިއްސާކޮށްފައެވެ.
މީގެއިތުރުން ފްލައިޓް ކަނެކްޓިވިޓީއާއި ޓިކެޓް ޕްރޮމޯޝަނާބެހޭ މައުލޫމަތުވެސް ވަނީ ހިއްސާކޮށްފައެވެ. އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙއްމަދު ވަނީ މިއިވްނެޓުގައި ވާހަކަދައްކަވާފައެވެ. އަދި ދެކުނު އިރުމަތީ އޭޝިއާގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ ޕީއާރު ކުންފުނި، ޕެސިފިކް ވޯލްޑް ޓްރެވަލްގެ ފަރާތުންވަނީ ރާއްޖެއާބެހޭ ޕްރެޒެންޓޭޝަނެއް ތައިލޭންޑު ބަހުން ދީފައެވެ.
ޠައްޔިބު ވިދާޅުވީ ތައިލެންޑުގަ ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެން އެނެއްކާވެސް އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ތައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް ޠައްޔިބު ވިދާޅުވިއެވެ.
ވޭދުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިތުރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރުވަނީ އިތުރުވެފައެވެ. އަދި މި ސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެކަމަށް އުއްމީދުކުރެވެއެވެ. 2019ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87636އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެއ އިންވަނީ މަރުހަބާ ކިޔާފައެވެ.
ކޯވިޑުގެ ސަބަބުން ދަތުރުފަތުރު ކުރުމަށްހުރި ހުރަސްތަކާއެކުވެސް އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި ރާއްޖެ އިސްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި ބޯޑަރުތައް އަލުން ހުޅުވާލުމާއެކު ރާއްޖެއަކީ މިސަރަޙައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.