ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެޔާއާއި ސިންގަޕޫރު ޑިޖިޓަލް ވިޔަފާރީގެ އެއްބަސްވުމަކަށް


ޑިޖިޓަލް ދާއިރާއިން އިޤްތިޞާދީ ގުޅުން ޤާއިމުކުރުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން ދެކުނު ކޮރެޔާއާއި ސިންގަޕޫރުން ކުރަމުން އައި މަޝްވަރާތައް ނިންމާލާފައިވާކަން ހާމަކޮށްފިއެވެ.

"ކޮރެއާ-ސިންގަޕޫރު ޑިޖިޓަލް ޕާރޓްނަރޝިޕް އެގްރީމެންޓް"ގެ މަޝްވަރާ ބައްދަލުވުންތައް މިދިޔަ ހަފްތާގައި ނިންމާލާފައިވާކަން ހާމަކޮށްފައިވަނީ ސިންގަޕޫރުގެ ވިޔަފާރިއާބެހޭ ދެވަނަ ވަޒީރާއި ދެކުނު ކޮރެއާގެ ވިޔަފާރިއާބެހޭ ވަޒީރު ބޭއްވެވި ދެޤައުމުގެ ވަޒީރުންގެ ބައްދަލުވުމެއްގައެވެ.

ސިންގަޕޫރުގެ ވިޔަފާރިއާބެހޭ ވުޒާރާ އާއި މުވާޞަލާތީ ޚިދުމަތާބެހޭ ރަސްމީ އިދާރާތަކުން ނެރުނު ނޫސްބަޔާނެއްގައި މަޝްވަރާ ބައްދަލުވުންތައް ނިންމާލާފައިވާކަން ހާމަކޮށް ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި މުޢާމަލާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ޚާއްޞަ ޤަވާޢިދުތަކެއް އެކުލަވާލުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ފަސޭހަވެ، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރިތަކަށް އިތުބާރު ހިފޭ ރައްކާތެރި ޑިޖިޓަލް ވެއްޓެއް ޤާއިމުކޮށްދެވޭނެ ކަމަށް މި ބަޔާނުގައިވެއެވެ. މީގެ އިތުރުން ދެ ޤައުމުން ޙިއްސާވެގެން ޑިޖިޓަލް ސިސްޓަމުތައް ހިންގުމަށްޓަކައި ޤަވާޢިދުތަކެއް އެކުލަވާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އިދާރާތަކުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އޭޝިއާ ސަރަޙައްދުގެ ޤައުމަކާއެކު ސިންގަޕޫރުން ހަދާ ފުރަތަމަ ވިޔަފާރި އެއްބަސްވުމާއި ގުޅޭގޮތުން ސިންގަޕޫރުގެ ވިޔަފާރިއާބެހޭ ދެވަނަ ވަޒީރު ޑރ. ތާން ސީ ލަންގް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގެ ބާޒާރުން އެޤައުމުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެން ދާނެކަމަށެވެ. އަދި ކޮރެއާ އާއެކު މިހާރު އޮތް ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިންގަޕޫރުގެ އޮފިޝަލުން ހާމަކުރާގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެޤައުމުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުގެ ސަބަބުން ވިޔަފާރިތައް ކުރިއަރައި، ވަޒީފާގެ ބާޒާރު އިތުރަށް ފުޅާވެގެންދާނެއެވެ.