ދުނިޔޭގެ ވިޔަފާރި

މިމަހު ބޮއިންގްއާއި އެއަރބަސްއަށް ލިބުނު އޯޑަރުތައް 3 ގުނަ އިތުރު


ދުނިޔޭގެ ބައެއް ބޮޑެތި އެއަރލައިންތަކުން މަތިންދާބޯޓުގެ ފްލީޓުތައް އައު ކުރަން ފަށައިފިއެވެ.

ބައެއް އެއަރލައިންތަކުން މީހުންއުފުލާ ބޯޓާއި މުދާ އުފުލާ ބޯޓުގެ އައު ފްލީޓުތަކެއް ގަތުމަށް މިސްރާބުޖަހާފައި ވަނީ ކުރިއަށްއޮތް އަހަރުތަކުގައި ދުނިޔޭގެ އިޤްތިޞާދީ ދުވެލި ބާރުވެގެން އަންނައިރު ވައިގެ ދަތުރުތަށާއި، އޮންލައިން ވިޔަފާރިތަކުން މުދާ އުފުލުމަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެކަމަށް ދިރާސާތަކުން ދައްކާތީ، މިކަމަށް ތައްޔާރުވުމުގެ ގޮތުންކަމަށް އޭވިއޭޝަނާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

އައު ބޯޓުތައް ގަތުމަށްޓަކައި އޮސްޓްރޭލިއާގެ ކުއަންޓަސް އެއަރލައިނުން ވަނީ އެކުންފުނީގެ ބޯޓުތައް ތައްޔާރުކުރާ ބޮއިންގްގެ ބަދަލުގައި އެއަރބަސްއަށް އޯޑަރެއް ދީފައެވެ. އަދި ސިންގަޕޫރ އެއަރލައިނުންވެސް އޯޑަރެއް ލިބިފައިވާކަމަށް ޔޫރަޕުގެ މަތިންދާބޯޓު އުފައްދާ ކުންފުނި، އެއަރބަސްއިން ބުނެއެވެ. އެގޮތުން ކުއަންޓަސް އިން ގަތުމަށް ނިންމާފައިވަނީ 20 އެއަރބަސް A321XLR އާއި A220-300 މަރުކާގެ 20 ޖެޓުގެ އިތުރުން އިތުރު 94 ބޯޓެވެ. އަދި ސިންގަޕޫރ އެއަރލައިނުން ކުރިން އޯޑަރު ދީފައިވާ 15 A320 ނިއޯގެ ބަދަލުގައި A350 މަރުކާގެ މުދާ އުފުލާ 7 ބޯޓެވެ.

އަލަށް އުފައްދާ ބޯޓުތަކުން ތެޔޮއަންދާ މިންވަރު ކުރިއަށްވުރެ 40 އިންސައްތަ މަދުވާނެ ކަމަށާއި، އެހެންކަމުން މި ބޯޓުތައް ބޭނުންކުރަން ފަސޭހަވާނެކަމަށް އެއަރބަސްއިން ބުނެއެވެ. އަދި ސިންގަޕޫރ އެއަރލައިންސް ވެގެންދާނީ A350 މަރުކާގެ މުދާ އުފުލާ ބޯޓުގެ އައު މޮޑެލް ބޭނުންކުރާ ފުރަތަމަ އެއަރލައިނަށް ކަމަށް އެކުންފުނިން ބުނެއެވެ.

ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކާބެހޭ ދިރާސާ ރިޕޯޓުތައް އެކުލަވާލަމުންދާ "އެސެންޑް"ގެ ކޮންސަލްޓެންޓް، ރޮބް މޮރިސް ވިދާޅުވީ އެއަރލައިންތަކުގެ ވިސްނުން މިހާރު ހުރީ ދިގު މުއްދަތައް ބޭނުންހިފޭނެ ފްލީޓުތަކެއް ހޯދުމަށާއި، އެންވައިރަމެންޓަލް ސޯޝަލް ގަވަރނެންސް، އީއެސްޖީ ސްޓްރެޓެޖީއަށް ޢަމަލުކުރުމަށް ކަމަށެވެ. އަދި މިހާރު އޯޑަރުތައް ނުދީފިނަމަ ދެން އެފުރުޞަތު ހޯދުން ފަސޭހަ ނުވާނެކަމަށް ރޮބް ވިދާޅުވިއެވެ.

އަލަށް ލިބުނު އޯޑަރުތަކާއެކު އެއަރބަސް އާއި ބޮއިންގެ އޯޑަރުތައް ޖުމްލަ 1439 އަށް އަރާކަމަށާއި، މިއީ ފާއިތުވި 11 މަހަށްވުރެ 3 ގުނަ ބޮޑު ޢަދަދެއްކަމަށް އެކުންފުނިތަކުން ހާމަކުރެއެވެ.

އެއަރބަސް އާއި ބޮއިންގެ ބައެއް މޮޑެލްތައް ވަނީ 2025ގެ ނިޔަލަށް ވިކި ހުސްވެފައެވެ. އެހެންކަމުން މިހާރު އެއަރލައިންތަކުން އޯޑަރު ދެމުންދަނީ ކުރިއަށްއޮތް 10 އަހަރު ތެރޭގައި ބޭނުންކުރަން ފަށާ ބޯޓުތަކަށް ކަމަށް އެކުންފުނިތަކުން މަޢުލޫމާތުދެއެވެ.