ޤައުމަށް އެކި ގޮތްގޮތުން ތަރައްޤީ ގެނައުމުގައި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ދައުރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުގެ ފަރާތުން ހުޅުމާލޭގައި އަލަށް ޤާއިމުކުރި "ޑެންޓަލް ސްޓޫޑިއޯ" ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ހުޅުމާލޭ އަމީން އެވެނިއު އޯކް ބިލްޑިންގ ޤާއިމުކޮށްފައިވާ "ޑެންޓަލް ސްޓޫޑިއޯ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ރައްޔިތުންނަށް ބޭނުންވެފައިވާ މިފަދަ މުހިއްމު ޚިދުމަތެއް އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ލިބޭނެފަދަ އިންތިޒާމް ހަމަޖައްސައިދެއްވިކަމަށްޓަކާ މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުގެ މެނޭޖިންގ ޑިރެކްޓަރ ޑރ.އަޙްމަދު ސަލީމާއި، މާސްޓަރ ޑެންޓަލް ކެއަރގެ ސްޓާފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ކުރިއަރައިގެން އަންނައިރު ޚާއްސަކޮށް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނައިރު އަމިއްލަ ފަރާތްތަކުގެ ވަރަށް ގިނަ މަސައްކަތްތަކެއް ފެނިގެންދާކަމަށެވެ. އަދި ޞިއްޙީ ދާއިރާއަށް މި އަންނަ ބަދަލުތަކުގެ ތެރޭގައި އަމިއްލަ ކުންފުނިތަކުން އަމިއްލަ ފަރުދުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުރައްވާ މަސައްކަތް ފާހަގަކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މުޅި ރާއްޖެއަށް މި އަންނަ ތަރައްޤީގެ ކުރިއެރުންތައް މިއަދު މި ހިސާބަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގައި ތިއްބެވި މިފަދަ ބޭފުޅުންނޭ. އަޙްމަދު ސަލީމް ފަދަ ބޭފުޅުން އެކުރެއްވި މަސައްކަތްތަކުންނޭ ޞިއްޙީ ދާއިރާވިޔަސް، އަދި އެނޫން ދާއިރާތައްވެސް ކުރިއަރައިގެން އެދަނީ. އަޅުގަނޑުމެން ޤަބޫލުކުރަން އަބަދުވެސްޖެހޭނެ އެއްވެސް ޤައުމެއް ތަރައްޤީއެއް ނުވާނެ، ކުރިއަރައިގެނެއްނުދާނެ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން" ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ތަރައްޤީ ގެނައުމަށް މިކުރެވޭ މަސައްކަތްތަކާއެކީ މީހުން ބިނާކުރުމުގެ މަސައްކަތްތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާއިން ޤާބިލު މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެވެސް ވަރަށް ބޮޑު އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުފެއްދުންތެރި ހުނަރުވެރި ޒުވާނުންނަށް މި ޤައުމު ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޙްމަދު ސަލީމް ވިދާޅުވީ، އަލަށް ހުޅުވިގެންދާ ޑެންޓަލް ސްޓޫޑިއޯ ވެގެންދާނީ އެ ސެންޓަރުން އާއްމުކޮށް ދެމުންދާ ޚިދުމަތްތަކާ ކުޑަކޮށް ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައެވެ. އެގޮތުން އަލަށް ހުޅުވި ސްޓޫޑިއޯއިން ދަތުގެ ދޯރި ހެއްދުމާއި، ދަތުގެ ފަރުވާ ހޯދަން ޖެހިލުންވާ ނުވަތަ ބިރު ގަންނަ މީހުންނަށް ވަރަށް ފަސޭހައިން އެފަދަ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ޑރ. ސަލީމް ފާހަގަކުރެއްވިއެވެ.
"މީގެ ކުރީގައި ދަތުގެ ދޯރި ހަދަން މި ފޮނުވަން ޖެހެނީ ރާއްޖޭން ބޭރަށް. އެ ދޯރި ލައްވާ ބަލި މީހަކު އެތައް މަސްދުވަހެއް ވަންދެން އެބަ މަޑުކުރަންޖެހޭ ދާއިމީ ދޯރި ލިބެންދެން. އެ ދޯރި ލިބެންދެން މި ހަރުކޮށްދެނީ ވަގުތީ އެއްޗެއް. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ދޯރި ހެދުން ބަދަލުވެގެން މިދިޔައީ މޭޑް އިން މޯލްޑިވްސް ދޯރިއަކަށް. އަޅުގަނޑުމެން ކްރައުން އެންޑް ބްރިޖަސްގެ ޙިދުމަތް އަލަށް މި ހުޅުވިގެން މިދާ ފެސިލިޓީގައި ފޯރުކޮށްދޭނަން. އެއާއެކީގައި އަޅުގަނޑުމެން މި ތަޢާރަފުކުރަނީ ނައިޓްރޮކްސް އޮކްސައިޑް ސެޑޭޝަންގެ ޚިދުމަތްވެސް. އެއާއެކު ހޭނުނައްތާ މީހާގެ އެންޒައިޓީ ދަށްކޮށް، ފަސޭހަކަމާއެކު ދަތުގެ ފަރުވާ ހޯދުމަށް މަގުފަހިވާނެ" ޑރ. ސަލީމް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލަށް ޤާއިމުކުރި ޑެންޓަލް ސްޓޫޑިއޯއަކީ 2011ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުންދާ މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރުގެ ފަރާތުން ހުޅުވި 4ވަނަ ބްރާންޗެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން ލ.ފޮނަދޫގައި އެ ސެންޓަރުން އަންނަނީ ބްރާންޗްތައް ޤާއިމުކޮށް ދަތުގެ ފަރުވާ ފޯރުކޮށްދެމުންނެވެ. އެ ސެންޓަރުން އަލަށް މި ހުޅުވި ބްރާންޗް ޚާއްސަކޮށްފައިވަނީ އިމްޕްލާންޓް އަދި ކޮސްމެޓިކް ޑެންޓިސްޓްރީގެ ޚިދުމަތްތަކަށެވެ.