ޚަބަރު

ލޭ ހަދިޔާ ކުރާ މީހުންނާއި، ލޭބޭނުންވާ މީހުންނަށް ޚާއްސަ އެޕެއް ތަޢާރަފްކޮށްފި


ލޭބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ލ.އަތޮޅުގެ ޒުވާނުން އިސްނަގައިގެން "ތިކި" ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. ލ.އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށަކަށް ހުޅުވާލި މި އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްލާއިލްއެވެ.

މި އެޕްލިކޭޝަަނަކީ ލ.އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިން އިފްތިތާހުުކުރި އެޕެކެވެ. "ތިކި" އެޕްލިކޭޝަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. މިކަމުގެ ސަބަބުން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށްވުރެ ކުޑަވެގެން ދާނެކަމަށް މި އެޕްލިކޭޝަން ތަޢާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި ލޭ ނުލިބުމުގެ ސަބަބުން ނުވަތަ ލޭ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ އެކިކަހަލަ ހިތާމަވެރި ކަންކަމާއި ކުރިމަތިލާންޖެހުން މަދުކުރުމަކީވެސް މިކަމުގެ އެއް މަޤުސަދެވެ.

އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެން. އެގޮތުން ފުރަތަމަ ފިޔަވަހީގަ އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ. މި އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ޑޯނާއެއްގެ ގޮތުގައި ނަން ހިމެނުމަށް ރަޖިސްޓަރ ވާން ޖެހޭނެވެ. އެގޮތުން މި އެޕްގައި ރަޖިސްޓަރ ވެވޭ ފޯމެއް އެޕްގައި ހިމަނާފައިވެއެވެ. އަދި އެޕްގެ ހޯމް ޕޭޖުން ރަޖިސްޓަރ ވެފައިވާ ހުރިހާ ޑޯނަރުންގެ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. އަދި ހަމަ ހޯމް ޕޭޖުން ރަށް، އަދި ލޭގެ ގްރޫޕު ބޭނުންކޮށްގެން ޑޯނަރުން ފިލްޓަރވެސް ކުރެވޭނެއެވެ. އަދި ކޮންމެ ޑޯނަރއެއްވެސް ލޭ ހަދިޔާކުރުމާއެކު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެއެވެ.

މި އެޕްލިކޭޝަންގައި "އެކްސްޕްލޯރ" ކިޔާ ސެކްޝަނެއްވެސް ހިމަނާފައިވާނެއެވެ. އެ ސެކްޝަނުގައި ހުންނާނީ ލޭ ހޯދާ ފަރާތްތަކުގެ މަޢުލޫމާތެވެ. އެގޮތުން ކޮންމެ މީހަކުވެސް ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ މިބައިން އޭގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެބައިން ލޭ ހޯދާ ފަރާތްތަކާ ގުޅޭނެއެވެ. މި އެޕްލިކޭޝަނާއެކު އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ހޮސްޕިޓަލަކަށްވެސް "ހަސްފަތާލު ޕޯޓަލް" ގެ ލޮގިންއެއް ދެވޭނެއެވެ. ޑޯނަރުން ލޭ ހަދިޔާކުރުމުން އެކަން އެޕްލިކޭޝަނަށް އަޕްޑޭޓްކުރާނީ މި ޕޯޓަލްއިންނެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވިދާޅުވީ ލޭހޯދާ ފަރާތްތަކަށާއި، ލޭ ބޭނުންވާ ފަރާތްތަކަށް މިފަދަ ފަސޭހަ މަގެއް ޒުވާނުން އިސްވެ ތަޢާރަފްކުރި ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެކަމުގެ މަގު ފަހިވެގެންދާނެ ކަމެއްކަމަށް ހުސެން ވިދާޅުވިއެވެ.

އެފްލިކޭޝަން ތަޢާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަނަސް ވިދާޅުވީ މިއީ ކުޑަކުޑަ ޚިޔާލަކާއެކު ފެށުނު ބޮޑު އުންމީދެއް ކަމަށެވެ. އުންމީދު ހަޤީޤަތަށްވުމުގައި އެތައް ބައެއްގެ ބައިވެރިވުން ބޮޑުކަމަށެވެ. މިއީ އަދި ފެށުމެއް ކަމަށާއި، އަމާޒަކީ މުޅިރާއްޖެއަށް "ތިކި" އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަ ކަމާއިއެކު ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އަނަސް ވިދާޅުވިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެއެވެ. އަދި ލ.އަތޮޅުގައި މިހާރު ހުއްޓިފައި އޮތް ތެލެސީމިއާ ވޯޑުވެސް ވަރަށް އަވަހަށް ފަށައި އެޚިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ލ.އަތޮޅު ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރުވެސް ލޭ އަޅާ 600 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ މާލޭގައި ދިރިއުޅެމުން އަންނަ ކުދިންނެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ މީހުންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތެއް ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން ދުނިޔޭގައި ތިބީ 630 މީހުންނެވެ. އަދި މީގެތެރޭގައި އެވްރެޖްގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުޑަކުދިންކަމަށާއި، ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުދިންގެ ނިސްބަތުން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.