ކުޑަކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބިޖެއްސުމަށްޓަކައި ދިވެހި ވާހަކަ އެޕެއް ތަޢާރަފްކޮށްފިއެވެ. އިންސްޓަގްރާމްގައި މިއަދު ކުރިއަށް ގެންދިޔަ ލައިވް ހަރަކާތެއްގައި މި އެޕް ލޯންޗް ކޮށްދެއްވީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި (ގަހާ) އަހްމަދު ސަޢީދެވެ.
މި އެޕަކީ ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސާ، ދިވެހި ބަސް އުނގެނުމުގެ ޝައުޤުވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑުން އުފެއްދި އެޕެކެވެ. އޯލަ އެޕް މިއަދު ލޯންޗްކުރީ އުމުރުން 7 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ވާހަކަތަކާއި، މައުލޫމާތުގެ އިތުރުން އޯޑިއޯ ވީޑިއޯ ކޮންޓެންޓްތަކާވެސް އެކުގައެވެ.
އޯލަ އެޕް ތައްޔާރުކުރި އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް ލީޑް އަޙްމަދު ފަހުދު ވިދާޅުވީ އަމާޒަކީ ގަވާއިދުން އައު ވާހަކަތަކާ ތައުލީމީ ކޮންޓެންޓް އެޕަށް އިތުރު ކުރަމުން ގެންދިއުންކަމަށެވެ. އަދި މިއެޕަކީ ކުދިންނަށް ރައްކާތެރި އަދި ޝައުޤުވެރި ދިވެހި ކޮންޓެންޓް ގަވާއިދުން ލިބޭނެ އެޕަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އޯލަ“އެޕްގެ ހިލޭ ލިބޭ ވާޝަން އަބަދުވެސް އާންމުންނަށް ލިބޭނެކަމަށް އެ ޓީމުން ބުނެއެވެ. ނަމަވެސް އިތުރު ކޮންޓެންޓާއެކު އެޕްގެ ޕްރީމިއަމް ވާޝަންއެއް ކައިރި މުސްތަގުބަލެއްގައި އާންމުންނަށް ލިބޭނެކަމަށްވެސް އޯލަ ޓީމުން މައުލޫމާތު ދެއެވެ.
އޯލަ އެޕް ޑިވެލޮޕް ކޮށްފައިވަނީ ލޫޕްކްރާފްޓުންނެވެ. އޯލަ އެޕް މިހާރު އެޕަލް އެޕް ސްޓޯރ އާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
”އޯލަ“ އެޕާ ގުޅޭ އެންމެފަހުގެ މައުލޫމާތު ”އޯލަ“ ވެބްސައިޓް oala.app އާއި އިންސްޓަގްރާމް (oala.app@)އަދި ޓްވިޓަރ (oala_app@) އިން ލިބޭނެއެވެ.