ޚަބަރު

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވައިފި


ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ހުޅުވައިދެއްވައިފިއެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒަށް ނަންދީފައިވަނީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީގެ ނަމުންނެވެ.

އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މި މިސްކިތް ބިނާކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކުރީގެ ސަރުކާރުން 2017 ވަނަ އަހަރުގެ މާރޗްމަހުގެ 2 ވަނަ ދުވަހުގައެވެ. އަދި އެ މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.