ދުނިޔޭގެ ވިޔަފާރި

އިސްތަށިގަނޑަށް ޚާއްޞަ ބައެއް އުފެއްދުންތަކުން ކެންސަރުޖައްސާ ކެމިކަލް ފެނި، ވިއްކުން ހުއްޓާލައިފި


ބޮލުގެ އިސްތަށިގަނޑަށް ޚާއްޞަ ބައެއް އުފެއްދުންތަކުން ކެންސަރު ޖައްސާ މާއްދާއެއް ފެނުމުގެ ސަބަބުން އެތަކެތި ބާޒާރުން ނެގުމަށް އެމެރިކާގެ ޕްރޮކްޓާ އެންޑް ގޭމްބްލް ކުންފުނިން ނިންމައިފިއެވެ.

ޕީޖީ ކުންފުނިން ބުނެފައިވަނީ އެކި ބްރޭޑުތަކުގެ ދަށުން ވިއްކަމުންދާ އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ބައެއް ޑްރައި ކޮންޑިޝަނާއި ޝޭމްޕޫ ސްޕްރޭއިން ކެންސަރަށް މަގުފަހިކުރާ މާއްދާއެއް ކަމަށްވާ "ބެންޒީން"، ގިނަ ޢަދަދަކަށް ފެނިފައިވާތީ، މި އުފެއްދުންތައް ވިއްކުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

އެމެރިކާ އާއި ކެނެޑާގައި ވިއްކަމުންދާ މި އުފެއްދުންތައް ބާޒާރުން ނެގުމަށް ނިންމުމާ ގުޅިގެން ޕީޖީ ކުންފުނިން ބުނެފައިވަނީ މި އުފެއްދުންތަކުގައި ބެންޒީން އެކުލެވޭ މިންވަރަށް ބަލާއިރު، ކޮންމެ ދުވަހަކު ބޭނުންކުރުމަކުން ސިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިތަކެތި ބޭނުންކުރި ފަރާތަކުން ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވިކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައި ނުވާކަން އެކުންފުނިން ހާމަކުރެއެވެ.

ޕީޖީ އިން ރީޓެއިލްކޮށް އަދި އޮންލައިންކޮށްވެސް ވިއްކަމުންދާ އުފެއްދުންތަކުގެ ތެރެއިން ބާޒާރުން ނެގުމަށް ނިންމާފައިވާ ތަކެތި ޙިއްސާކުރަނީ ކުންފުނީގެ ހެއަރ ކެއަރ އުފެއްދުންތަކުގެ %1އަށްވުރެ މަދު ޢަދަދެއް ކަމަށް ބުނި ނަމަވެސް ސީދާ ކިތައް އުފެއްދުންކަމެއް އެކުންފުނިން ހާމައެއް ނުކުރެއެވެ. މިއާއެކު މިއަހަރުގެ ތެރޭގައި %15 މައްޗަށް ޖެހިފައިވާ އެކުންފުނީގެ ޙިއްސާ ވަނީ %1.1 ދަށަށްގޮސްފައެވެ.

ކެމިކަލް އެކުލެވޭކަމަށް ދެއްކި އުފެއްދުންތައް ބާޒާރުގައި ވިއްކަމުންއައި ބްރޭޑްތަކުގެ ތެރޭގައި ޕެންޓީން، ހާބަލް އެސެންސް، އޯސީ، އޯލްޑް ސްޕައިސް އެންޑް ހެއަރ ފުޑް، އަދި ވޯޓަރލެސް ބްރޭންޑްތައް ހިމެނޭ ކަމަށް ޕީޖީ ކުންފުނިން ބުނެއެވެ.