ދުނިޔޭގެ ވިޔަފާރި

އަލީބާބާ، 2030 ގައި ކާބަން ނިއުޓްރަލް


2030ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ކުންފުންޏަކަށް ވުމަށް ޗައިނާގެ އަލީބާބާއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އަލީބާބާގެ ސީއީއޯ، ޑެނިއަލް ޒޯން ވިދާޅުވީ ކުންފުނީގެ ސީދާ މަސައްކަތުން ޖައްވައް ބޭރުކުރާ ވިހަ ގޭސްތަކާއި، ކަރަންޓު ބޭނުން ކުރުންފަދަ ނުސީދާ ގޮތްގޮތުން ޖައްވަށް ގޭސް ބޭރުކުރުމުގައި 2030ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ވުމަށް އަމާޒުކުރާ ކަމަށެވެ. އަދި މި މުއްދަތުގައި އުފެއްދުންތައް ވިއްކުމުގެ އެކި މަރުޙަލާގައި ކާބަން ހިމެނޭ މިންވަރު %50 ދަށްކުރާނެކަމަށެވެ. މީގެ އިތުރުން 2035 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަކޮށް ކުންފުނީގެ ހުރިހާ މުޢާމަލާތަކުން 1.5 ގިގަ ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުމަށް ނިންމާފައިވާ ކަމަށް ޒޯން ވިދާޅުވިއެވެ.

އަލީބާބާއިން މި ނިންމުން ނިންމާފައިވަނީ 2060ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ޤައުމަކަށްވުމަށް ޗައިނާއިން މަސައްކަތްކުރަމުންދާކަމަށް އެޤައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަލީބާބާއިން ބުނާގޮތުން ކާބަން ނިއުޓްރަލް ޢަމާޒަށް ވާޞިލުވުމަށްޓަކައި "ކާބަން ރިމޫވަލް އިނިޝިއޭޓިވް"ގެ ދަށުން އިޢާދަކުރަނިވި ހަކަތައާއި، ހަކަތަ އިސްރާފުވުން ވީހާވެސް ކުޑަ ކޮށްދޭ އައު ޓެކްނޮލޮޖީތައް އެކުންފުނިން ބޭނުންކުރާނެއެވެ. އަދި ކުންފުނީގެ ޕާޓްނަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ޚާއްޞަ ގޮތްތަކެއް ކަނޑައަޅާނެކަމަށް ކުންފުނީގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ބޯޓުދެއްޔަށް ބަރޯސާވެފައިވާ ޗައިނާގެ ޓެކް ކުންފުނިތަކަށް "ނެޓް-ޒީރޯ" ލަނޑުދަނޑިއަށް ވާޞިލުވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އެހެންކަމުން ކުނފުނިތަކުން ދަނީ މިހާރުއްސުރެ މަޑުމަޑުން ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް އަހުލުވެރި ވަމުންނެވެ.

އޮންލައިން ވިޔަފާރީގެ ދާއިރާއިން ދުނިޔޭގެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލީބާބާ ގްރޫޕުން ވަނީ، ދުނިޔޭ ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާ "ގްރީންޕީސް" އިން ދެކުނު އޭޝިއާ ސަރަޙައްދުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އިސްކަންދޭ މިންވަރު ބެލުމަށްފަހު، މިއަހަރުގެ ކުރީކޮޅު ނެރުނު ކުންފުނިތަކުގެ ރިޕޯޓުން، ޗައިނާގެ ޓެކް ކުންފުނިތަކުގެ ބައިން 4 ވަނަ ހޯދާފައެވެ.