އެއަރބަސް އިން ތައްޔާރުކުރާ އޭ-380 މަރުކާގެ އެންމެ ފަހު ޖަމްބޯ ބޯޓު ނިންމައި، ޙަވާލުކޮށްފި ކަމަށް އެކުންފުނިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމިރޭޓްސް އެއަރލައިނާ ޙަވާލުކޮށްފައިވާ މި ބޯޓަކީ ޔޫރަޕުގައި މިހާތަނަށް ތައްޔާރުކުރި އެންމެ އަގު ބޮޑު އަދި އެންމެ ބުރަ މަސައްކަތް އެކުލެވޭ އޭވިއޭޝަން މަޝްރޫޢުގެ ނިމުން ކަމަށް އެއަރބަސް އިން ބުނެއެވެ.
2007ގައި ވައިގެ އުދުހުންތަކަށް ބޭނުންކުރަންފެށި އެއަރބަސް ގެ މި މޮޑެލްއަކީ މިހާތަނަށް އުފައްދާފައިވާ ޑަބަލް ޑެކާ ބޯޓުގެ އެންމެ ބޮޑު ވައްތަރެވެ. 500އާއި 850 އާ ދެމެދުގެ ޢަދަދަކަށް މީހުން އުފުލުމުގެ ކެޕޭސިޓީ ހުންނަ، 4 އިންޖީނުލީ މިބޯޓުގައި ޕްރައިވެޓް ސުއީޓް ތަކާއި ޝަވާ ރޫމްތައްވެސް ހުރެއެވެ. އެހެންކަމުން ރަނގަޅު ޑިމާންޑަކާއެކު ދަތުރުކުރަން ފެށި ނަމަވެސް އެއަރލައިން ތަކަށް އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބުމުގެ ސަބަބުން 2019ވަނަ އަހަރު އެއަރބަސް އިން ވަނީ އޭ-380 މަރުކާގެ ބޯޓު އިތުރަށް ފަރުމާނުކުރުމަށް ނިންމާފައެވެ.
އެންމެ ފަހު ސުޕަރ ޖަމްބޯ ބޯޓު އެމިރޭޓްސް އިން ގަނެފައިވާއިރު، މި ބޯޓު ބޭނުން ކުރާނީ ދިގު ރާސްތާ ދަތުރުތަކަށް ކަމަށް އެ އެއަރލައިނުން ބުނެއެވެ. އަދި މި ބޯޓުގެ ސަބަބުން ރަންވޭގެ ޖާގައިގެ ދަތިކަން ހުރި އެއަރޕޯޓުތަކުން އޮންނަ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބި، އެއަރލައިނުގެ ނެޓްވޯރކް ފުޅާކުރުމަށް އެހީއަކަށް ވާނެކަމަށް އެމިރޭޓްސް ގެ ޗީފް، ޓިމް ކްލާރކް ވިދާޅުވެއެވެ. އައު ބޯޓަކީ އެމިރޭޓްސް އިން ހޯދި އޭ-380 މަރުކާގެ 123ވަނަ ބޯޓެވެ.
އެއަރބަސް އިން ސުޕަރ ޖަމްބޯ ޖެޓު އުފެއްދުމަށް 28.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ. މި ޚަރަދު ފޫބެއްދުމަށް މަދުވެގެން 400 ބޯޓު ވިއްކަންޖެހޭއިރު، އެކުންފުނިން ތައްޔާރުކޮށްފައިވަނީ ޖުމްލަ 251 ބޯޓެވެ. އެހެންކަމުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެކުންފުނީގެ ބައެއް މަޝްހޫރު މޮޑެލްތަކަށް އޮތް ޑިމާންޑް ބޮޑުވެ، ފައިދާ ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިމަހު ކުއަންޓަސް އާއި ސިންގަޕޫރ އެއަރލައިނުން އެއަރބަސް އަށް ގިނަ އޯޑަރުތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.