ޚަބަރު

"ހިޔާ ފްލެޓް ސަރަޙައްދުން ޕީކް ގަޑިތަކާ ދިމާކޮށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުކުރާނެ"


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓް ސަރަޙައްދުން ޕީކް ގަޑިތަކާ ދިމާކޮށް މިއަދުން ފެށިގެން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް އޮންނާނެ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ސަރަހައްދަށް ބަސް ދަތުރުތައް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އޭރު ބަސް ދަތުރުތައް ބާއްވަމުން ދިޔައީ ކޮންމެ 30 މިނެޓަކުންނެވެ. ނަމަވެސް މިހާރު އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވެ، ބަސް ދަތުރަށް އޮންނަ ޑިމާންޑް އިތުރުވުމާގުޅިގެން، އެމް.ޓީ.ސީ.ސީން ވަނީ ހިޔާ ފްލެޓް ސަރަޙައްދަށް ބަސް ދަތުރުކުރާ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ޕީކް ގަޑިތަކާ ދިމާކޮށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް އޮންނާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީން ބަސް ޝެޑިއުލަށް މި ގެނައި ބަދަލުތަކާއެކު މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 5:45 އިން 8:15 އަށް، މެންދުރު 11:15 އިން 14:15 އަށް އަދި މެންދުރުފަހު 15:00 އިން ރޭގަނޑު 20:15 އަށް ކޮންމެ 15 މިނެޓަކުން އެ ސަރަޙައްދަށް ބަސް ދަތުރުތައް ކުރާނެއެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 15:00 އިން ފެށިގެން ރޭގަނޑު 21:15 އާއި ހަމައަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް އޮންނާނެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދޭ ރޫޓުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް އަދި މާލެއިން ސީދާ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރެވޭނެގޮތް އަދި ހަމަޖެހިފައެއްނުވެއެވެ. މިވަގުތު އެ ދަތުރުތައް ކުރަނީ މާލެ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. އަދި ދެވަނަ ފިޔަވަހިން މާލެ އަށް ވެސް ދަތުރުކުރަނީ އެގޮތަށެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދަށް ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ފެށިގެން ރޭގަނޑު 12:15 އާއި ހަމައަށް އެމް.ޓީ.ސީ.ސީން ބަސް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރު 13:45 ދަތުރުތައް މެދުކަނޑާލައެވެ.