އިންޖީނުލީ އުޅަނދު އުފައްދާ ކުންފުނި ޓޮޔޯޓާއިން، އެ ކުންފުނީގެ 5 ޑޮމެސްޓިކް ކާރުޚާނާގެ މަސައްކަތް މެދުކަނޑާލަން ނިންމައިފިއެވެ.
ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޓޮޔޯޓާއިން ބުނީ އެޤައުމުގައި ހުރި 5 ކާރުޚާނާއެއް ބަންދުކުރަން ނިންމީ ކޯވިޑް-19ގެ ޙާލަތާހުރެ ސާމާނު ލިބުމަށް ދަތިވުމާއި، ޗިޕް ލިބުން މަދުވުމުގެ ސަބަބުން ކަމަށެވެ.
ޖަނަވަރީމަހު ބަންދުކުރުމަށް ނިންމާފައިވާ މި ކާރުޚާނާތަކުގެ މަސައްކަތް ހުއްޓާލުމުން އުފެއްދުންތަކުން 20،000 އުޅަނދު މަދުވެގެން ދިޔަނަމަވެސް، އަންނަ އަހަރު ނިންމުމަށް އެކުންފުނިން ލަފާކުރާ 9 މިލިއަން އުޅަނދު އުފެއްދުމަށް ހުރަސް ނޭޅޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އުޅަނދުފަހަރު އުފެއްދުމަށް ބޭނުންވާ ބައިތައް ހޯދަން ދަތިވުމުގެ ސަބަބުން ޓޮޔޯޓާ އިން އުތުރު އެމެރިކާގައި އުފައްދާ އުޅަނދުތަކުގެ ޢަދަދު 50،000 އަށް މަދުކުރުމަށް ވިސްނަމުންދާކަމަށް މިދިޔަ ހަފްތާގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ޢާއްމުކޮށް އުފައްދާ އުޅަނދުތަކުގެ ޢަދަދު މަދު ކުރުމަށް ނިންމި ނަމަވެސް ދުނިޔޭގެ އޮޓޮމޯޓިވް އެހެން ކުންފުނިތަކާ އެއްގޮތަށް ޓޮޔޯޓާއިންވެސް ދަނީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ފަރުމާކުރުމަށް ޚާއްޞަ ޕްރޮޖެކްޓުތަކެއް ފަށާފައެވެ. އެގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ބެޓެރީގެ އެހީގައި ދުވާ އިލެކްޓްރޯނިކް ވެހިކަލް އުފެއްދުމަށްޓަކައި 70 ބިލިއަން ޑޮލަރު (8 ޓްރިލިއަން ޔެން) ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ޓޮޔޯޓާއިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.