ޚަބަރު

"އިންޑިޔާ އައުޓު" ޙަރަކާތުން ދިގުމުއްދަތަކަށް ގެއްލުންލިބުމުގެ ފުރުސަތުބޮޑު: ޖޭޕީ


އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތުން ދިގުމުއްދަތެއްގެ ގެއްލުންތަކެއް ޤައުމަށް ލިބުމުގެ ފުރުސަތުބޮޑު ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

"އިންޑިޔާ އައުޓު " އަދި " އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅުފަރާތްތަކުން ހިންގާ ކެންޕޭނު ތަކާމެދު ޖުމްހޫރީޕާޓީން ދެކޭގޮތް ހާމަކޮށް ނެރުނު ބަޔާނެއްގައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެކަމަށެވެ.

ރާއްޖޭގައި ބޭރު ޤައުމެއްގެ އަސްކަރީ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިހާރު ކުރިއަށް މިދާ 19ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ޞަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް އެއްވެސް ޤައުމަކަށް / އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާއަށް ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުދެކޭކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ދޭދޭ ޤައުމުތަކުގެ މެދުގައި އުފައްދާ "ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތަޢުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނުތަކާގުޅިގެން ވަކި މުއްދަތަކަށް އެއް ޤައުމުގެ ސިފައިން އަނެއް ޤައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންތައްތަކެއް ކަމުގައި ޖޭޕީން ބުނެއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ބަލައިގެންފައިކަމަށާ، އަމުދުން މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއްކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް ކަމަށްވެސް އެޕާޓީން ބުނެއެވެ

ޒަމާނުއްސުރެ ގާތް އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިޞްބަތްކޮށް "އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކިއެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލުހިފުންފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

"އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫންކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ކުށްވެރިކޮށް މިހާތަނަށް އަދާލަތު ޕާޓީންނާއި، އެމްއެންޕީންވެސް ވަނީ ބަޔާން ނެރެފައެވެ. އެޕާޓީތަކުންވެސް ބުނެފައިވަނީ މިއީ ސިޔާސީގޮތުން ވަކި މަންފަތަކެއް ހާސިލުކުރުމަށް ހިންގޭ ޤައުމަށް ގެއްލުން ބޮޑު ހަރަކާތެއް ކަމަށެވެ. ރާއްޖެއާއި އިންޑިއާއާ އޮތް ގުޅުމަށް ބުރޫއަރާނެހެން ހިންގަމުންދާ މިހަރަކާތަށް ސަރުކާރުން ޖާގަ ނުދޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.