ޚަބަރު

ބަސްކިޔަން ތިބުމުގެ ބަދަލުގައި، ގޮތްނިންމާ ބަޔަކަށް ސިޔާސީ މީހުން ވާންޖެހޭ: ރައީސް


ސިޔާސީ މީހުންނަކީ، ހަމައެކަނި ކަންކަމުގައި ބަސްކިޔަން ތިބޭ ބަޔަކަށްނުވެ، ކަންކަން ހާސިލް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވާ ބަޔަކަށް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރި، ހަތަރު ވަނަ އަހަރަކަށް އަޅާފައިވާއިރު، ކުރެވުނު ކަންކަމާއި ކުރަންވީ ކަންކަމާމެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި މަޤާމުތަކުގައި މިތިބެނީ، ރައްޔިތުން އަޅުގަނޑުމެންނާ ޙަވާލުކުރި ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް. މިއަދު ބޭނުންވަނީ މިދެންނެވި މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވުނީ ކިހާ ވަރަކަށްތޯ ބަލައިލަން. އަޅުގަނޑުމެން މި އުޅެނީ އެ މަސްއޫލިއްޔަތުގެ ދަށުން އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަން ފުރިހަމަކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މަޤާމެއްގައި ހުރުމަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުން ކުރާކަމެއް ކަމަށް، އެއްވެސް ބޭފުޅަކު ދެކިވަޑައި ނުގަންނަވާނެކަން އުންމީދު ކުރައްވާކަމަށެވެ. ކޯވިޑް-19 ގެ ފުރަބަންދަށް ފަހު ސަރުކާރު އަލުން ހުޅުވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް ކަމުގައެވެ.

ސަރުކާރުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާޞިލްވެވޭނެ އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ކޮބައިކަން ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސާވިސް މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރައްވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ތިޔަ ބޭފުޅުން. ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައި ތިއްބެވި ބޭފުޅުން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ، ހަމައެކަނި ކަންކަމުގައި ބަސްކިޔައި ގޮތް ނިންމަން ތިބޭ ބައެއް ނޫން. ޢަމަލީ ގޮތުން ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތު." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި އޮފީހަކުން ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެފެއިލްވަނީ އެ އޮފީހުގެ ސިވިލް ސާވިސް މުވައްޒަފުންނެއް ނޫންކަމަށާއި، ފެއިލްވަނީ މުޅި އޮފީސްކަމަށެވެ. ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި ސިވިލް ސާވަންޓުން ގުޅިގެން ކަމަށްވާތީ ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

"ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ ސިވިލް ސާވިސްގެ ދައުރެއް ނޫން. ސިވިލް ސާވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން. ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ވަކި މެނިފެސްޓޯއެއް ތަންފީޒުކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސާވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު އޮފީސްތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސަރވިސް ޗާޓަރުތައް ތައްޔާރުކޮށް ޢާންމުކުރުން ކަމަށެވެ. މިޗާޓަރާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް، ސިވިލް ސާވިސްގެ 680 އަށް ވުރެ ގިނަ އިދާރާގެ މުވައްޒަފުންނަށް މިހާރުވަނީ ބާއްވާފައިކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް ސިވިލް ސަރވިސްގެ 200 އަށްވުރެ ގިނަ އިދާރާއިން، ސަރވިސް ޗާޓަރު ތައްޔާރުކޮށް އާންމުކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއްގެ ސަރވިސް ޗާޓަރު ތައްޔާރުކޮށް ޢާންމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފަންވަރު ރަނގަޅުކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން ކަމަށެވެ. މިއަދު މިފަށާ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދިއުމުން ކަމަށެވެ. މީހުން ބިނާކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ކޮޅަކާއެކު، މި ފޯރަމް ފެށުމަށް ހަމަޖައްސަވާފައިވާކަމީ، މި ޕްރޮގްރާމްގެ ތަފާތު ފެންނާނެކަމުގެ ހެއްކެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.