ކުޅިވަރު

ލިވަރޕޫލާއި ޗެލްސީ މެޗު އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނަޑު 2ލަނޑުން އެއްވަރު ވެގެންނެވެ.

މިމެޗް ވެގެން ދިޔައީ ތަފާތު ސަބަބު ތަކަށްޓަކައި މުހިންމު ބައެއް ކުޅުންތެރިން ނުކުޅޭ މެޗަކަށެވެ. މިގޮތުން ޗެލްސީގެ އިތުބާރު ފޯވަޑް ރޮމެލޫ ލުކާކޫ ދިން އިންތަރވިއުއެއްގައި ކްލަބާމެދު ހިތްހަމަ ނުޖެހުންތަކެއް ފާޅު ކުރުމާއި ގުޅިގެން ޗެލްސީގެ ޓީމުން އޭނާ ބާކީ ކޮށްފައިވީ އިރު ކޯވިޑް-19 ގެ ސަބަބުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕާއި ކީޕަރު އެލިސަން ބެކަރ އަށް މިމެޗްގައި ނުކުޅެވުނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސާޑިއޯ މާނޭއެވެ. އަދި މެޗްގެ 26 ވަނަ މިނެޓްގައި މުހައްމަދު ސަލާހް ޖަހައިދިން ލަނޑާއެކު ލިވަޕޫލުން މިމެޗްގައި ދެލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލިއެވެ. އަދި މިމެޗް ލިވަޕުލުން ފަސޭހަކަމާއެކު ކާމިޔާބު ކުރާނެކަމަށް ހީވި ނަމަވެސް ޗެލްސީއިން ދިޔައީ ލިވަޕޫލްގެ ގޯލަށްވެސް ނުރައްކާ ކުރަމުންނެވެ. މެޗްގެ 42 ވަނަ މިނެޓްގައި މަޓިއޯ ކޮވަސިޗް ލަނޑެއް ޖަހައި ޗެލްސީއަށް ހިތްވަރު އާކޮށްދިނެވެ. އަދި ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓްގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗްގެ ދެވަނަ ހާފްގައިވެސް މިދެޓީމަށްވެސް މެޗުން މޮޅުވާނެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް ޗެލްސީ އާއި ލިވަޕޫލަށްވެސް އިތުރު ލަނޑެއް މިމެޗްގައި ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރުވުމުގެ ފައިދާ އެންމެ ބޮޑަށް ކޮށްފައިމިވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށެވެ. އެއީ ސިޓީއަށް މިނަތީޖާއާއެކު މިހާރު މިވަނީ 10 ޕޮއިންޓްގެ ލީޑެއް ދެވަނައިގާ އުޅޭ ޗެލްސީގެ މައްޗަށް ލިބިފައެވެ. ޗެލްސީއަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ތިންވަނައިގައި އުޅޭ ލިވަޕޫލަށް ވިހި މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އެހެން ކަމުން ލިވަޕޫލަށް ސިޓީ އާއި ދެމެދުގައި ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްލުމަކީ ވެދާނެކަމެކެވެ. ނަމަވެސް ލިވަޕޫލަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކަށް ވާނީ ޓީމްގެ ފޯވަޑް ލައިންގެ އެންމެ މުހިންމު ދެކުޅުންތެރިންކަމަށްވާ މާނޭ އާއި ސަލާހް އަދި މެދުތެރެއަށް ކުޅޭ ނެބީ ކެއިޓާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކުޅެން ދާތީ އެކުޅުންތެރިންނާއި ނުލާ ގިނަ މެޗްތަކެއް ކުޅެން ޖެހުމެވެ.