ޚަބަރު

ސުއޭޒް ކެނަލަށް މިދިޔަ އަހަރު ރިކޯޑު އާމްދަނީއެއް


މިދިޔަ އަހަރު މިޞްރުގެ ސުއޭޒް ކެނަލުން ރިކޯޑު އަދަދަކަށް ފައިދާ ހޯދައިފިއެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ މިިދިޔަ އަހަރު އެ ކެނަލް ހުރަސްކޮށް ބޯޓުތަކުން 1.27 ބިލިއަންގެ ކާގޯ އުފުލާފައިވާކަމަށެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ އިސް ވެރިޔާ ޢުސާމާ ރަބީ ވިދާޅުވީ، ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ ވިޔަފާރި ހީނަރުވުމާއި އާގުބޯޓެއް ބީހިގެން ދުވަސްތަކަކަށް ކަނޑުއޮޅި ބަންދުކުރަން ޖެހުނުނަމަވެސް މިދިޔަ އަހަރު ޓްރާންސިޓް ފީގެ ގޮތުގައި 6.3 ބިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ. މި ޢަދަދަކީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު %13 އިތުރުވުމެކެވެ. އަދި މީ މިހާތަނަށް
ސުއޭޒް ކެނަލަށް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.

ސުއޭޒް ކެނަލަކީ މެޑިޓެރޭނިއަން ކަނޑާއި ރަތް ކަނޑު ގުޅުވާލަދޭ، ކަނޑުމަގުން މުދާ އުފުލުމުގައި މައި ދޮރެވެ. މިދިޔަ އަހަރުގެ މާރިޗްމަހު "އެވަރގިވަން" ނަމަކަށް ކިޔާ 400 މީޓަރުގެ ދިގު އާގުބޯޓެއް ވަނީ މި ކަނޑުއޮޅީގެ ހުރަހަށް ބީހިފައެވެ.

މި ބޯޓު ފުން ކުރުމުގެ މަސައްކަތަށް 6 ދުވަސް ނެގިއެވެ. އެ މުއްދަތުގެ ތެރޭގައި ސުވޭޒް ކެނަލް އެއްކޮށް ބަންދުވެ، ދެކޮޅަށް ދަތުރުކުރަމުން ދިޔަ ގިނަ ޢަދަދެއްގެ ބޯޓުފަހަރު އޮތީ ތާށިވެފައެވެ. މި ޙާދިސާއާ ގުޅިގެން ކަނޑުއޮޅި ބަންދުވެފައި އޮތް ކޮންމެ ދުވަހަކަށް 12 މިލިއަން ޑޮލަރާއި 15 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބުނުކަމަށް ސުވޭޒް ކެނަލް އޮތޯރިޓީން ބުނެއެވެ.

މިދިޔަ އަހަރު 20694 ބޯޓުވަނީ ސުއޭޒް ކެނަލް ހުރަސްކޮށްފައެވެ. މީ ދުވާލެއްގެ މައްޗަށް 56 ބޯޓެވެ. 2020 ވަނަ އަހަރު ކެނަލް ހުރަސްކުރި ބޯޓްގެ އަދަދަކީ 18830 އެވެ. އެއީ ދުވާލަކު 51 ބޯޓެވެ.

ސުވޭޒް ކެނަލް އަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ގާތްގަނޑަކަށް %10 މުދާ ކަނޑުހުރަސްކޮށް އުފުލާ ރާސްތާ ކަމަށްވާތީ، މިއީ މިޞްރަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ވަޞީލަތެވެ. މި އަހަރުން ފެށިގެން ޓްރާންސިޓް ޓޯލްގެ މިހާރުގެ އަގަށް %6 އިތުރުުރާނެކަން ސުވޭޒް ކެނަލް އޮތޯރިޓީން މިދިޔަ އަހަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދަދު އިތުރުވާ އުޅަނދުތަކުގެ ތެރޭގައި، ފަތުރުވެރިންގެ އުޅަނދުފަހަރާއި، ލިކުއިފައިޑް ނެޗުރަލް ގޭސް އުފުލާ އުޅަނދުފަހަރު ނުހިމެނޭނެކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.