މިދިޔަ ނޮވެމްބަރުމަހު ގްރީން ފަންޑުން 71 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގްރީން ފަންޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުމަހު 46 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ނޮވެމްބަރުމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އޮކްޓޯބަރުމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާ ބަލާއިރު، %330 އިތުރު އަދަދެކެވެ. ނޮވެމްބަރުމަހު ގްރީން ފަންޑުންވަނީ 16.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ނޮވެމްބަރުމަހު އެފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކ.ހިންމަފުށީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫއަށް 7.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 2ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހުވަދު އަތޮޅުގައި ވޭސްޓު މެނޭޖްމަންޓު ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތަށެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.
ނޮވެމްބަރުމަހު ގްރީން ފަންޑަށް 75.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ފަންޑަށް އެންމެ ބޮޑު ޢާމްދަނީއެއް ނޮވެމްބަރުމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 25.7 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ އދ.އަތޮޅުންނެވެ. އެއީ 7.7 މިލިއަން ރުފިޔާއެވެ. ނޮވެމްބަރުމަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 840 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.