ޚަބަރު

އެއަރ އޭޝިއާގެ ނަން، "ކެޕިޓަލް އޭ"އަށް


މެލޭޝިޔާގެ ބަޖެޓް އެއަރލައިން "އެއަރ އޭޝިއާ"ގެ ނަން، "ކެޕިޓަލް އޭ"އަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އެއަރ އޭޝިއާއިން ސެކިއުރިޓީސް އެންޑް އެކްސްޗޭންޖު ކޮމިޝަނަށް މިހަފްތާގައި ހުށަހެޅި ލިޔެކިޔުންތަކުގައި މިކަން ވަނީ ހާމަކޮށްފައެވެ. އޭގައި ވަނީ މެލޭޝިއާގެ ކޮންޕެނީސް ކޮމިޝަނުން "ކެޕިޓަލް އޭ"، މި ނަން ފާސްކޮށްފައިވާ ކަމަށާއި، ބާކީ އޮތީ ކުންފުނީގެ ބޯޑުގެ ބައްދަލުވުމަކުން ނަން ބަދަލުކުރުމަށް ޙިއްސާދާރުންގެ ރުހުން ހޯދުން ކަމަށެވެ. މި ބައްދަލުވުން ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށް އެއަރ އޭޝިއާ ކުންފުނިން ބުނެއެވެ.

ބައިނަލްއަޤްވާމީ އެއަރލައިން އެއަރ އޭޝިއާއިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، ކޯވިޑާ ގުޅިގެން ވައިގެމަގުން ކުރަމުންއައި ދަތުރުތައް މަޑުޖެހުމާ ގުޅިގެން، އެ އެއަރލައިނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަލުން ކުންފުޏަށް ފައިދާ ހޯދުމަށް ކުރަމުންދާ ތަފާތު މަސައްކަތްތަކުގެ ތެރެއިންނެވެ.

2021ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު އެ ކުންފުންޏަށް 2 ބިލިއަން ރިންގިޓުގެ (478 މިލިއަން ޑޮލަރުގެ) ގެއްލުން ވެފައިވެއެވެ. 2020ވަނަ އަހަރު މި މުއްދަތުގައި 2.6 ބިލިއަން ރިންގިޓުގެ (621 މިލިއަން ޑޮލަރުގެ) ގެއްލުން ވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަހަރު 1.1 ބިލިއަން ރިންގިޓުގެ (263 މިލިއަން ޑޮލަރުގެ) ގެއްލުމެއް ލިބޭނެކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެންކަމުން އެއަރލައިނަށް ލިބޭ ގެއްލުން ކުޑަކޮށް، ފައިދާ އިތުރުކުރުމަށްޓަކައި އެއަރ އޭޝިއާއިން މިދިޔަ އަހަރު ވަނީ ކުންފުނީގެ ޚަރަދު %52 ކުޑަކޮށްފައެވެ. އަދި ލީސް އެގްރިމެންޓުތައް އައުކޮށް، ތެޔޮ ގަތުމަށް ހަދާފައިވާ ކޮންޓްރެކްޓުތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ. މީގެ އިތުރުން ކުންފުނީގެ ޙިއްސާއާ ގުޅޭ ބައެއް މައްސަލަތައް ޙައްލުކުރުމަށްފަހު، ވިޔަފާރި އަލުން ފަށައިގަތުމަށް 974.5 މިލިއަން ރިންގިޓު (233 މިލިއަން ޑޮލަރު) ހޯދާފައިވާކަމަށް، އެކުންފުނިން ހާމަކުރެއެވެ.

އެއަރ އޭޝިއާއިން ހާމަކުރާގޮތުގައި މިއަހަރު ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިލިބި، ވައިގެ ބަނދަރުތައް ހުޅުވުމުން، ފަތުރުވެރިންގެ ފަރާތުން ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރުވެ، ފައިދާ ލިބޭނެކަމަށް ލަފާކުރެއެވެ.

2015ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެއަރ އޭޝިއާއިން ދަނީ ދިވެހިރާއްޖެއާ ކުއަލަލަމްޕޫރާ ދެމެދުވެސް ސީދާ ދަތުރުތައް ބާއްވަމުންނެވެ. ތައިލެންޑުގެ އޭވިއޭޝަނާ ގުޅިގެން އެއަރ އޭޝިއާއިން ހިންގާ ތައި އެއަރ އޭޝިއާވެސް ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރެއެވެ. ނަމަވެސް ފާއިތުވި 2 އަހަރު ކޯވިޑާގުޅިގެން ތައި އެއަރ އޭޝިއާގެ ދަތުރުތައް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ ޑިސެމްބަރުމަހު ވަނީ އަލުން ފަށާފައެވެ.