ޚަބަރު

އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިއްޖެ


ފ.ފީއަލިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ނަމަކަށްކިޔާ ދޯނިން ކަނޑަށްދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، ފެނިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުގައިކަމަށާ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން މަޢުލޫމަތުދެއްވާގޮތުގައި މިދޯނީގައި ދަތުރުކުރަމުން ދިޔައީ 3 މީހުންނެވެ. އަދި މިއީ ފ.ފީއަލީ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅުމަށްފަހު މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.

މި އުޅަނދާއި މީހުން ހޯދުމަށް ކޯސްޓްގާޑުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.