ޚަބަރު

ކުރިއަށް އޮތީ ކޯވިޑްގެ ޙާލަތު އެންމެގޯސްވާނެ 3 ހަފްތާ: ރައީސް


ކުރިއަށް އޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ 3 ހަފްތާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯވިޑްގެ ޙާލަތާގުޅޭގޮތުން، ޞިއްޙީ މާހިރުންނާއި، ކޯވިޑްގެ ޤައުމީ ޓާސްކްފޯހާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައި ވުމާއެކު، ކުރިއަށްއޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް މަތިވެ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ 3 ހަފްތާކަމަށެވެ.

ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކަކީ މީގެކުރިންވެސް ކޯވިޑާ ދެކޮޅަށް ޢަމަލުކުރިގޮތަށް ޢަމަލުތައް ބަހައްޓައި ބަލިން ރައްކާތެރިވުންކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިޤްތިޞާދަށް ބުރޫނާރާނޭހެން ވީހާވެސް ލުއިގޮތަކަށް ރައްޔިތުންނަށް މަސައްކަތް ކުރެވޭނެމަގު ހުޅުއްވައިގެން ކަންކަން ކުރިއަށް ގެންދިއުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޞިއްޙީ މާހިރުން އަޅުގަނޑުމެންނަށް ލަފާދެއްވީ، ކުރިއަށް މިއޮތް 3 ހަފްތާއަކީ އަނެއްކާވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޯވިޑް ފެތުރިގެން ދިއުގެ ފުރުސަތު އޮތް 3 ހަފްތާކަމުގައި. އެއީ މިވޭރިއަންޓް މިހާރު ރާޖޭގައި ފެނިފައިވާތީ. އެހެންވީމާ އެބޭފުޅުންގެ އެދިވަދައިގަތުމަކީ ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެ ވަޑައިގެން، ކުރަންޖެހޭވަރަށް ކުދިކުދި ކަންތައްތައް މިހިރީ، އެކަންތައްތައް ކޮށްލުން. ފުރަތަމަ ކަމަކަށް މާސްކު އެޅުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރު ވިޔަފާރިތައް ބަންދުކޮށް، އަޅަންޖެހުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަނެއްކާވެސް ވިޔަފާރިތައް ބަންދުކޮށްގެން އެ މައްސަލަތަކާ ޢާއްމު ރައްޔިތުން ކުރިމަތިލާން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

މިވަގުތުވެސް މިސަރަހައްދުގައި ކޯވިޑް އެންމެ ރަނގަޅަށް މެނޭޖްކޮށް، އިޤްތިޞާދު ހުޅުވިފައިވާ ޤައުމަކީ ރާއްޖެކަމަށާ، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ކުރިއެކޭވެސް އެއްގޮތަށް ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވަމުންދާއިރު، ހޯމަ ދުވަހަކީ މާލެ ސަރަހައްދުންވެސް މިވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވި ދުވައެވެ.