ވިޔަފާރި

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަދިނުން ވަގުތީގޮތުން ހުއްޓާލައިފި


މާލެ ސިޓީގައި ނައިޓް މާކެޓްފަދަ އިވެންޓްތައް ބޭއްވުމަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން، މިގޮތަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެގޮތަށެވެ. މާލެ ސިޓީގައި ނައިޓް މާކެޓްފަދަ އިވެންޓްތަކަށް ހުއްދަ ދިނުން ހުއްޓާލާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ ޢަދަދު މާލޭގައި މިހާރު އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

ކޯވިޑާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު ނައިޓް މާކެޓްތައް ބޭއްވުން ހުއްޓުމަކަށް އައުމަށްފަހު، ދާދިފަހުން ވަނީ ޖެހިޖެހިގެން ހަތަރު ނައިޓް މާކެޓް މާލެ ސިޓީގައި ބާއްވާފައެވެ. އެގޮތުން ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓަކާއި ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައާއި ރަސްފަންނު ސަރަޙައްދުގައިވެސްވަނީ ނައިޓް މަރކެޓެއް ބާއްވާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ އިތުރުވެފައެވެ. އެގޮތުން މިމަހުގެ 5ވަނަ ދުވަހު ރާއްޖެއިން އިތުރު 224 މީހަކު ކޯވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއީ މިފަހުން ޖެހިޖެހިގެން ކޯވިޑްގެ ކޭސްތައް 200އިން މަތީގައި ރިޕޯޓްކުރި 3ވަނަ ދުވަހެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.