ވިޔަފާރި

އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދީފި


އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފަައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ އާއި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އެފަދަ މާކެޓްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމުމުން އެކަމަށް އެދުނު ފަރާތްތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ބޮޑެތި ޚަރަދުތަކެއް ކޮށް ނައިޓް މާކެޓް ބާއްވަމުން ދަނިކޮށް އެޗްޕީއޭއިން އެކަން ހުއްޓުވަން އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭއިން އެ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށާއި އެހެން ކަމުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޯވިޑާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު ނައިޓް މާކެޓްތައް ބޭއްވުން ހުއްޓުމަކަށް އައުމަށްފަހު، ދާދިފަހުން ވަނީ ޖެހިޖެހިގެން ހަތަރު ނައިޓް މާކެޓް މާލެ ސިޓީގައި ބާއްވާފައެވެ. އެގޮތުން ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓަކާއި ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައާއި ރަސްފަންނު ސަރަޙައްދުގައިވެސްވަނީ ނައިޓް މަރކެޓެއް ބާއްވާފައެވެ.